ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ވަހީދު ޕީޕީއެމުން ވަކިވީ ރިޔާސީ ކެންޑިޑޭޓެއް ނުނެރެ، ”ކުޑަ ޕާޓީއަކަށް“ އެ ފުރުސަތު ދިނުމުން

ކުރީގެ ރައީސް ވަހީދާއި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުން ވަކިވާން ޖެހުނީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ބޭނުންވީ ވަގުތު އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން ރިޔާސީ ކެންޑިޓެއް ނުދައްކައި ކުޑަ ޕާޓީއަކަށް އެ ފުރުސަތު ދިނުމުންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ޝަރުތުތައް ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރީ ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު ހަމަވާން 24 ގަޑިއިރަށްވެފައި ވަނިކޮށެވެ. އަދި މި މަހުގެ 06 ވަނަ ދުވަހުގެ އެ ނިންމުމާއި އެކު އިދިކޮޅު ލީޑާޝިޕާއި ހަވާލު ކުރުމަށް ރައީސް ޔާމީން ފޮނުއްވި ނޯޓެއްގެ މައްސަލަ ގޯސްވި އެވެ.

އިންތިހާބު ބޮއިކޮޓު ކުރުމާއި މެދު ސެނެޓުން ގޮތެއް ނިންމުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި އިރު ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފަ އެވެ. އެކަމަކު ކޯޓުގައި ގެންދިޔަ އަޑުއެހުމުން އެނގުނީ ޕީޕީއެމުން ބޭނުން ވަނީ ރައީސް ޔާމީނަށް ފުރުސަތު ނެތް ނަމަ، އެ ޕާޓީއަށް ކެނޑިޑޭޓަކު ނެރެން ފުރުސަތު ދީ، މުއްދަތު ހަމަވުމުގެ ވަގުތު އިތުރު ކުރުމަށެވެ.

އެކަމަކު ގާނޫނީ ގޮތުން ތާރީހުތަކެއްގެ ކުރިން ނިންމަން ޖެހޭ ކަންތަކެއް ހުރުމުން، އީސީން ކޯޓުގައި ބުނީ އެގޮތަށް ނުނިންމޭނެ ކަމަށެވެ. ދެ ދުވަހުގެ ބޮޑު ހަމަނުޖެހުންތަކާއި، ދެބަސްވުން އަދި ނިންމަން އުޅޭ ނިންމުން ސާފު ނުވެ އޮތެވެ. އެކަމަކު މުއްދަތު ހަމަވުމުގެ ވަގުތުތަކެއް ކުރިން މުއިއްޒު ފޯމު ހުށަހެޅުއްވި އެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން ކެންޑިޑޭޓަކު ނުދެއްކުމަކީ ލަދުވަތިކަމެއްގެ ގޮތުގައި ސިފަކޮށް، ޑރ. ވަހީދު ޕާޓީން ވަކިވި އިރު އެމަނިކުފާނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަނިންމޭޓުކަން ހުށަހެޅުއްވި އެވެ. އެކަމަކު ޑރ. ވަހީދު އެކަން ދޮގު ކުރައްވަ އެވެ.

ޕާޓީން ވަކިވުމާއި ހަމައަށް، އަދި ރިޔާސީ ކެންޑިޑޭޓުން ކަށަވަރުވުމާއި އެކު ޑރ. ވަހީދު ގެންދަވަނީ ގާސިމްގެ ކެމްޕެއިން ހަރަކާތްތަކަކުގެ ޕޯސްޓުތައް ރީޓުވީޓު ކުރައްވަމުންނެވެ.

ޕީޕީއެމުން ވަކިވިކަން ހާމަކޮށް ޑރ. ވަހީދު އާންމު ކުރެއްވި ބަޔާނުގައި ވަނީ 10 އަހަރަށް ފަހު ޕާޓީން ވަކިވާން ޖެހުމަކީ ލިބޭ ހިތާމައެއް ކަމަށެވެ. އެކަމަކު ގަބޫލު ކުރައްވަނީ ލިބިވަޑައިގެންފައިވާ އިލްމަކާއި، ތަޖުރިބާ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ނަޒާހަތްތެރ މާހައުލަކަށް ދިނުން މާ މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ބަޔާނުގައި އެގޮތަށް ބުނެފައި ވީ ނަމަވެސް، ޕާޓީގެ ދަފްތަރުން ވަކިކޮށްދޭން އެދި ސެކޭޓްރީ ޖެނެރަލް ތޮލާލަށް ފޮނުވި ސިޓީގައި ޑރ. ވަހީދު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ވެސް ޕީޕީއެމަށް ކެންޑިޑޭޓަކު ނެރެން ވަގުތު އޮތް ކަމަށެވެ. އެކަމަކު ޕާޓީގެ ލީޑާޝިޕްއިން އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި، ޕާޓީގެ ސެނެޓަށް ގޮތް ނިންމުމަށް ފުރުސަތެއް ނުދީ އެހެން ކުޑަ ޕާޓީއެއްގެ ކެންޑިޑޭޓެއް ނެރުމަކީ ޕީޕީއެމްގެ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ.

އެހެންވެ ޕާޓީގެ އެޑްވައިޒަރުގެ މަގާމުންނާއި، ދަފްތަރުން ވަކިވާން ނިންމީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމް، ޕީއެންސީގެ އެތެރޭގެ މައްސަލަތަކުގެ ވާހަކަތައް ވެސް މީޑިއާތަކުގައި މިދޭތެރެއަކުން ދެކެވުނު އިރު ޑރ. ވަހީދު ރިޔާސީ ޓިކެޓަށް ނުވަތަ ރަނިންމޭޓުކަމަށް ޝައުގުވެރިކަން ހުރިކަމުގެ އަޑުތައް ފެތުރުނެވެ.

އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުއިއްޒަށް ތާއީދު އެބައޮތްކަމަށާއި، އަދި އެތެރޭގެ އެއްވެސް މައްސަލައެއް ނެތްކަމަށް ހާމަކޮށް ލީޑާޝިޕްއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އޭގެ ފަހުން ހުރިހާ ބޭފުޅުން ވެސް ދަނީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: