ރައްޔިތުން ބަސް ބުނަންވީ އެއްބުރުން މި އިންތިހާބު ނިންމާލެވޭނެ ނަތީޖާއަކާއި އެކުކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ދިވެހިންގެ ރާއްޖެ“ ކެމެޕެއިން ޝިއާރުގެ ދަށުން ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިނުގައި މުއިއްޒު ވަނީ ރަށްތަކަށް ދިމާވެފައިވާ އިގްތިސާދީ، އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމުގެ ފުރިހަމަ ރަނގަޅު ޕްލޭނެއް އޮތީ އިދިކޮޅުގެކަމަށް ވިދާޅުވެފަ އެވެ.
އިއްޔެ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ށ. އަތޮޅަށް ވަޑައިގެން މުއިއްޒު ދެއްވީ ރައީސް ޔާމީންގެ ތަރައްގީ ދަމަހައްޓާނެކަމުގެ ޔަގީންކަމެވެ. އަދި ވިދާޅުވީ ދިވެހިން އެދޭ ތަރައްގީގެ ރާއްޖެއެއް ގެނެސްދެވޭނީ، އެކަމުގެ ތަޖުރިބާ ހުރި އަމަލީ ގޮތުން ނަތީޖާ ދައްކާފައިވާ ބަޔަކަށްކަން ރައްޔިތުން ގަބޫލު ކުރާނެކަމަށް ދެކޭ ކަމަށެވެ.
ށ. ފޭދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ، މުޅި ރަށަށް ނަޒަރު ހިންގާލުމުން ފެންނަނީ ސަރުކާރުގެ އިންތިހާ އިހުމާލުކަމަށެވެ. ރަށުގެ އަލަށް ގޯތި ދޫކޮށްފައިވާ ބިމުގައި ކަރަންޓާއި، ފެނުގެ ހިދުމަތް ވީހާވެސް އަވަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބިން ހިއްކާފަ ވެސް، ގޯތި ދީފަ ވެސް އެބަހުރޭ… މި ސަރުކާރުން އަޅައެއް ނުލާ..
މުއިއްޒު ވިދާޅުވީ އަސާސީ ހިދުމަތްތަކަށް ރައްޔިތުން ނިކުމެ އާދޭސް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީގެއިތުރުން ރަށުގެ ތައުލީމާއި، ސިއްހީ ނިޒާމު ހަރުދަނާކޮށް ކުރިއަރުވަން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި 08 ކެންޑިޑޭޓުން ވާދަކުރައްވާއިރު، މުއިއްޒު ވިދާޅުވީ ރައްޔިތުން ބަސް ބުނަންވީ އެއްބުރުން މި އިންތިހާބު ނިންމާލެވޭނެ ނަތީޖާއަކާއި އެކުކަމަށެވެ. ދެވަނަ ބުރަކަށް ދިއުމުގެ ބޭނުމެއް ނެތްކަމަށް ގޮވާލައި މުއިއްޒު ވިދާޅުވީ އެ އިންތިހާބަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ވިސްނަންވީ، ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރުމަށް ހުއްދަ ދޭނީތޯ ނުވަތަ ނޫންތޯ ނިންމުމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ ރަށަކީ ވެސް އިދިކޮޅަށް ބޮޑު އިންސައްތައެއް ދޭނެ ރަށަކަށް ވާނެކަމުގެ އުންމީދު ކުރައްވާކަމަށެވެ.
ރިޔާސީ ކެމްޕެއިނަށް ބާކީ 19 ވަރަކަށް ދުވަސް އޮތް އިރު، މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ރައްދު ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ، ރަށްތަކަށް ދެން ވާން ޖެހޭނެ ވައުދެއް ނެތްކަމަށެވެ. އެއީ އެ ރަށްތަކަށް ތަރައްގީ ގެނެސްދެވިފައިވާކަމަށް ވިދާޅުވެ އެވެ.
ތަރައްގީއާއި ގުޅޭގޮތުން މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، ނަތީޖާ ނެރެވޭނެ ބަޔަކަށް ފުރުސަތު ދޭންށެެވެ. އެކަމަށް އޭނާ މިސާލު ދައްކަވަނީ މާލެ، ހުޅުމާޅެ، އެއާޕޯޓު ގުޅުވާފައިވާ ބްރިޖާއި މި ސަރުކާރަށް ފަސް އަހަރުގެ ތެރޭގައި ވެސް އެއްވެސް ތަނބެއްގެ މަސައްކަތް ވެސް ނިންމާލެވިފައި ނުވާ ބްރިޖުގެ މަސައްކަތެވެ.

