ޅ ހިތަދޫގެ ރައްޔިތުން އެދެމުންދާ އެއާޕޯޓު އެޅުމަށް ބޭނުންވާ ދިރާސާތައް ހައްދަވާނެކަމަށާއި، އެކަން ކުރައްވާނީ އިންސާފުވެރިކަމާއިއެކުކަމަށް ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިންގައި ލ ހިތަދޫއަށް ޑރ މުއިއްޒު ވަޑައިގަތުމުން، ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، ރަށުގެ ރައްޔިތުން އެދެމުން ދިޔައީ މެންދޫ، ހިތަދޫ އަދި ކުންހަންދޫގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކަށްވެސް ފައިދާވާނެތީ، މެންދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވުމަށެވެ. މިކަން ޑރ މުއިއްޒަށްވެސް ހިތަދުގެ ޒުވާނުން ވަނީ ހުށައަޅުއްވާފައެވެ. މިއީ އިގްތިސާދީ ގޮތުން ފައިދާވާނެ، ދެކޮޅު ޖެހޭނެ މަސައްކަތެއްކަމަށް ރަށުގެ ރައްޔިތުން ގަބޫލު ކުރައްވައެވެ.

ރޭ ލ ގަމުގައި އޮތް ޖަލްސާގައި ޑރ މުއިއްޒު ވަނީ ލ އަތޮޅަށް އިތުރު އެއާޕޯޓު ބޭޏުންވާކަމަށް ފާހަގަކޮށްފައެވެ. އޭރު ވަކި ރަށެއް އަދި ކަނޑަނޭޅޭކަމަށް ވިދާޅުވެފައިވާއިރު، މިއަދު ލ ހިތަދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އިގްތިސާދު ވަރުގަދަކުރުމަށް ލޯކަލް ޓޫރިޒަމް ފުޅާކުރެއްވުމަށް، އެއާޕޯޓްތައް ތަރައްގީކޮށްދެއްވާނެކަމަށެވެ.

ދެކޮޅު ޖެހޭ އިންސްޓްމެންޓެއްގެ ގޮތުގައި، އެއާޕޯޓުތައް ތަރައްގީކުރުމަށް، ލ އަތޮޅުގައި އެއާޕޯޓު އެޅުމަށް އެންމެ އެކަށީގެންވާ ރަށް ދެނެގަތުމަށް ދިރާސާތައް ހައްދަވަމުން ގެންދަވާކަމަށް މުއިއްޒު ވިދާޅުވިއެވެ. މި އެއާޕޯޓު މެންދޫގައި އެޅުމަށް، ރައްޔިތުން ހަދާފައިވާ ދިރާސާ ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއަށްވެސް ރިޔާއަތް ކުރައްވާނެކަމަށެވެ.
މި އަތޮޅުގެ ގިނަ ރަށްތަކުން އެއާޕޯޓު އެޅުމަށް ޑިމާންޑް ކުރައްވަމުން ގެންދާކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މިކަން ކުރާނީ އެންމެ އިންސާފުވެރިކަމާއިއެކު، ބޭނުންވާ ދިރާސާތައް ހެދުމަށްފަހުކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ކަން އޮތް ގޮތް ނުބަލާ، ވޯޓު ހޯދުމަށް އޭނާ ވައުދުނުވާނެކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީވެސް ހުސް ވައުދުވާ ބޭފުޅެއް ނޫންކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެކަން އޭނާވެސް ދަމަހައްޓަވާނެކަމަށެވެ. އަދި ކަން ކުރައްވާނީ އެންމެ ގިނަ ރައްޔިތުން އެދޭ ގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިތަދޫއަށް ބޭނުންވާ ތަރައްގީ ގެންނާނެކަމަށް ފާހަގަކޮށް، ރަށުގެ މަގުތައް ހުރި ހާލަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ އިދިކޮޅުގެ ސްސެޓޭޑަރޑްކަމަށެވެ. މި ސަރުކާރަށް ހިތަދޫގެ މަގުތައް ތަރައްގީކޮށްދެވިފައި ވެފައިނުވާތީ، މުއިއްޒު ވަނީ އެކަން ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ޒަމާނީ ފެންވަރަށް ބޮޑެތި މަގުތައް ތަރައްގީ ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ތައުލީމު ނިޒާމު އޮތީ ހަލާކުކޮށްލާފައިކަމަށާއި، ސިއްހީ ނިޒާމުވެސް މި ސަރުކާރުން އޮތީ ވަރަށް ފުރިހަމައަށް ފެއިލްކޮށްލާފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަންކަމަށް ބޭނުންވާ ހައްލު ގެނެސްދެއްވާނެކަމަށް ވައުދުވެ، މުއިއްޒު ވަނީ ހިތަދޫ ސުކޫލުގެ ޖާގަ އިތުރުކޮށް، މަލްޓި ޕާޕޮސް ހޯލު އަޅައިދެއްވުމަށް ވައުދުވެފައެވެ. އަދި އައިސްޕްލާންޓެއް ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
ހިތަދޫގައި އާއި ކުނަހަންދޫ ދެމެދު އެޅުމަށް މި ސަރުކާރުން ވައުދުވީ ކޯޒްވޭ، އަދިވެސް ނޭޅި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވާ މުއިއްޒު ވިދާޅުވީ ކޯޒްވޭ އަޅައިދެއްވާނެކަމަށެވެ.
މީގެ ކުރިން އެމްޑީޕީގައި ތިބި ގިނަ އަދަދެއްގެ ހިތަދޫ ރައްޔިތުން ވަނީ މިއަދުގެ ބައްދަލުވުމުގެ ތެރެއިން ޕީޕީއެމްއާއި ގުޅިފައިކަން ފާހަގަކޮށްލެވެއެވެ.

