ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކްސް (ޓްވިޓާ) އެކައުންޓް ސަސްޕެންޑުކޮށްފިއެވެ.
ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އެ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ އެކައުންޓެކެވެ. ނަމަވެސް ނަޝީދު އެކަން ދޮގުކުރައްވަ އެވެ. ”ހަސަން ކުރުސީ“ އެކައުންޓުން މީސްމީހުންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކައި، މީހުންގެ އަބުރު ކަތިލާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
”ހަސަން ކުރުސީ“ އަކީ ނަޝީދު ކަމަށް ބުނާތީ އެކަމުގެ ސަބަބުން ”އިންތިހާ އަށް ގެއްލުންވާ ކަމަށް“ ވިދާޅުވެ އެ އެކައުންޓްގެ މައްސަލަ ބަލައިދެއްވުމަށް އެދިވަޑައިގެން މި އަހަރުގެ އެޕްރީލް 17 ގައި ނަޝީދު ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ. އަދި އެ ކައުންޓްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
”ހަސަން ކުރުސީ“ ގެ އިތުރުން ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރާ އެހެން ޓްވިޓާ އެކައުންޓްތައް ވެސް ހުރެ އެވެ. ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓަކީ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި އިންނަ އެކައުންޓެވެ. ނަޝީދަކީ ޓްވިޓާގެ އިތުރުން ފޭސްބުކް ވެސް ބޭނުން ކުރައްވާ ބޭފުޅެކެވެ.
ފޮރުވިގެން ތިބެ، ތުހުމަތު އަޅުވައި އަބުރުކަތިލަން ޓުވިޓާގައި ބޭނުންކުރަމުން އަންނަ އެކައުންޓްތަކުގެ ތެރެއިން ކުރުސީ ފާޅުވީ 2022 ވަނަ އަހަރުގައެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބާއި ދިމާކޮށް އެ އެކައުންޓު މެދުވެރިކޮށް އައީ ނަޝީދުގެ ތާއީދާ އެކު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.
ގިނަ ބަޔަކު ފޮލޯ ކުރަމުން އައި އެ އެކައުންޓުން ވަނީ ސަރުކާރަށާއި އިލްޔާސްއާއި ވާދަކުރާ ކެންޑިޑޭޓުންނަށް ބޮޑެތި ތުހުމަތުތައް އަމާޒުކޮށްފައެވެ. އެކައުންޓު ސަސްޕެންޑުކޮށްފައިވަނީ އެކްސްގެ މިންގަނޑުތަކާ ހިލާފުވެގެންކަމަށްވި ނަމަވެސް އެއީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގޭކަށް ނެތެވެ.
ކުރުސީގެ އެކައުންޓުން އެންމެ ފަހުން ފަތުރުވަމުންދިޔައީ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ޑީއެންއާރުގެ ޑޭޓާތަކެއް ސަރުކާރުން ވަގަށް ނަގާފައި ކަމަށް ތުހުމަތުކޮށްފައިވާ ސްކްރީން ޝޮޓުތަކެކެވެ.
ކުރުސީގެ އެކައުންޓު ހިންގަވަނީ ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފައެވެ. އަދި އެކަން ސާބިތުކުރަން، އެ އެކައުންޓުގެ ފަހަތުގައި ހުރި މީހަކު ހޯދަން ނަޝީދު ވަނީ ފުލުހުންނަށް ވެސް ހުށަހަޅުއްވައިފައެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށިކަން ވެސް އެނގިފައި ވެއެވެ.

