ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަ މާނައިގައި ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނަށް ހއ. މާރަންދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އުންމީދަކީ މި މަހުގެ 30 ގައި އޮންނަ ވޯޓުގައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެކު ކާމިޔާބު ލިބުން ކަމަށެވެ.
މާރަންދޫގެ ނަރުދަމާގެ މަޝްރޫއު ކުރިޔަށް ނުގޮސް ހުއްޓިފައި އޮތް މައްސަލަ ރައްޔިތުންގެ ފަރާތުން ފާހަގަކުރުމުން މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގައި ވެސް ދިމާވެފައިވާ މައްސަލައަކީ މިއީ ކަމަށެވެ. ރައްޔިތުން ބޭނުންވި އަދި އުންމީދު ވެސް ކުރި ތަރައްގީއަކީ މިއީ ނޫންކަމަށާއި ދިވެހިންނަށް މިއީ ހައްގު މިންވަރު ވެސް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންނަޓަކައި ވެރިން ހޮވުމުން، ދައުލަތަށް ޓެކްސް މެދުވެރިކޮށާއި އެ ނޫންވެސް ގޮތްގޮތުން އާމްދަނީ ލިބޭއިރު ރައްޔިތުންނަށް ތަރައްގީ ގެނެސް ނުދެވެން ވީ އެއްވެސް ސަބަބެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ. ބަޖެޓެއް ކަނޑައެޅުމަށް ފަހު ވެސް އެ އޮންނަ އުސޫލުން ބޭރުން މަސައްކަތް ކުރާއިރު އެކަން ބަލައި ތަހުގީގު ކުރާނެ އިދާރާއެއް މުއައްސަސާއެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ނިޒާމު ބޭނުން ނުވޭ ދިވެހި ރައްޔިތުންނެއް، އެތައް ބިލިއަން ރުފިޔާ އިސްރާފުގެ ގޮތުގައި ހަރަދުކޮށްފި.. ރައްޔިތުންނަށް ބޭނުންތެރި މިފަދަ އެތައް މަޝްރޫއުއެއް މިހުރީ ހަމަ މިގޮތަށް ހުއްޓިފައި
މުއިއްޒު ވިދާޅުވީ ނިޒާމު ރޭވިފައި އޮތީ ރައްޔިތުންނާއި އެކު މަޝްވަރާކޮށްގެން މަޝްރޫއުތައް ކުރިޔަށް ގެންގޮސް ހިޔާލާއި އެއްގޮތަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ކުރިޔަށް ނުދާއިރު، އެ އުސޫލު ބަދަލުވާން ރައްޔިތުން ބޭނުންވާކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުން އިންތިހާއަށް އެތައް މިލިއަނަކުން ބޭކާރު ހަރަދުތައް ކުރަމުން ގެންދާއިރު އެކަން ބެލޭނެ ނިޒާމެއް ނެތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ފުރުސަތު ދީފި ނަމަ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނައިގައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

