ވޯޓު އޭގެ ހައްގުވެރިޔާއަށް ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފައެވެ.
އިދިކޮޅުން މިއަދު ދަތުރު ކުރަމުން ދަނީ ނ އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ނ ހެނބަދޫއަށް ވަޑައިގެން، ޕީޕީއެމް/ޕީއެންސީ އިން އިންތިޒާމްކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ ޝަހީމް ވިދާޅުވީ ކުރެވެމުންދާ ދަތުރުތަކުން ޑރ މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ހޮވިވަޑައިގަންނަވާނެކަން ސާފުވަމުންދާކަމަށެވެ. ޑރ މުއިއްޒަކީ ރާއްޖޭގައި ނެތެމުންދާ ރިވެތި ސިފަތައް، ދިރުވާ އާލާ ކުރެވޭނެ ބޭފުޅެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ޑރ މުއިއްޒު ހޮވިވަޑައިގެންފިނަމަ، އޭގެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ކުރާނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. ޑރ މުއިއްޒަކީ ރައްޔިތުންގެ މަޝްވަރާއާއިއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްކަމަށް ފާހަގަކޮށް، ޑރ ޝަހީމް ވަނީ މިކަމަށް ބާރުދިނުމަށް މިސާލު ދައްކަވާފައެވެ.
ވެރިއަކު އިންތިހާބުކުރުމުގައި ވޯތަކީ ވަރަށް މުހިންމު އަމާނާތެއްކަމަށް ފާހަގަކޮށް، އަމާނާތް އޭގެ އަހުވެރިންނަށް ހަވާލުކުރަންޖެހޭނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އެގޮތުން ގާބިލް މީހަކަށް ވޯޓުދިނުމަކީ އިސްލާމް ދީނުން މަތިކޮށްފައިވާ ޒިންމާއެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ހެނބަދޫގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ޝުކުރު އަދާކުރެއްވީ ގަދަ ހޫނުގައިވެސް ނިކުމެ ހެންބަދޫގެ ރައްޔިތުން ކީ މަރުހަބާއަށެވެ. އަދި ޝުކުރު އަދާކުރެއްވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެއްވި ތާއީދަށެވެ.
މުއިއްޒު ހެނބަދޫއަށް ވީ ވައުދުތައް:
- ފަޅުގައި ޖާގަ އޮތް މިންވަރަކުން ބިން ހިއްކުން.
- ފުޓް ބޯޅަ ދަނޑު ތަރައްގީކުރުން.
- ސިއްހީ މަރުކަޒުގެ ހިދުމަތްތައް ތަރައްގީކުރުން. ލެބޯޓްރީގެ ހިދުމަތް ދޭން ފެށުން.
- ކުނިް މެނޭޖުކުރުން.
- ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން.
- ރަނގަޅު ފެންވަރުގެ މިސްކިތެއް ގާއިމްކުރުން.
- މޫދަށް އެރެން ސަރަހައްދެއް ހާއްސަކުރުން.

މުއިއްޒު ވިދާޅުވީ މިކަންކަން ފަސް އަހަރުގެ ތެރެއަށް ބަހާލައިގެން، އާމްދަނީ ހަމަޖައްސައިގެން ކުރައްވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ މައިގަނޑު ކަންތައްތަކަކީ ޕީޕީއެމް/ޕީއެންސީ އަށް ކޮށްދެެވޭނެ ކަންކަންކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

