ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިންގައި ރ މާކުރަތަށް ޑރ މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވަނީ އެމަނިކުފާނަށް ކީ މަރުހަބާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާކުރަތުން އެމަނިކުފާނަށް ދެއްވި ތާއީދަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
ދެވަނަ ބުރުގައި ފުރަޔތަމަ ބުރަށްވުރެ ރަނގަޅު ނަތީޖާއެއް މާކުރަތުން ނެރެދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ޔަގީންކަން ދެއްވީ ރަށްތަކުގައި ފަށާފައި ހުރި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެއެވެ.

ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއިއެކު ސަމާލުކަންދެއްވާނެކަމަށާއި، ސިޔާސީ ގޮތުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުންވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން ރަށުގެ ރައްޔިތުން ވޯޓުލީ ކޮން ޕާޓީއަކަށްތޯ ނުވަތަ، ރަށުގައި ތިބީ ކޮން ޕާޓީއަކަށް ނިސްބަތްވާ ބައެއްތޯ ނުބައްލަވާ ތަރައްގީ ގެނެސްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ކައުންސިލްގައި ކޮންމެ ޕާޓިއަކަށް ނިސްބަތްވާ މެންބަރުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވާނެކަމަށާއި، ހިއްސާ ބައިވެރިކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. ވަޒީފާގެ ބިރު ނުދައްކާނެކަމަށާއި، ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ވިޔަފާރީގެ ފުރުސަތުތައްވެސް ހޯއްދަވައިދެއްވާނެކަމަށެވެ.
މާކުރަތަށް ވީ ބައެއް ވައުދުތައް:
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން.
- ފުޓްބޯޅަ ދަނޑަކާއިއެކު، ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވުން.
- ސިއްހީ މަރުކަޒުގެ ހިދުމަތްތައް ހަރުދަނާކޮށް، ތަރައްގީކުރުން.
ޑރ މުއިއްޒު ވިދާޅުވީ އިންތިހާބުގެ ވޯޓަށް ފޯކަސްކޮށް، ގައުމަށް ފައިދަ ހުރި ގޮތް ނިންމާ، ސިޔާސީ ފިކުރު އެއްކިބާގައި ބޭއްވުމަށްފަހު ގައުމީ ފިކުރު އިސްކުރައްވަންޖެހޭކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންނަށް ނަތީޖާ ނެރެދޭނެ ޗޮއިސްއެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްގީއަށް ވިސްނާ، ތަރައްގީ ގެނެސްދެވޭނެ ބޭފުޅަކަށް އިންތިހާބުގައި ވޯޓުދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި މާކުރަތު ކައުންސިލްގެ ރައީސްގެ އިތުރުން ރަށުގެ އެހެން ބައެއް ރައްުޔިތުންވެސް ވަނީ އަލަށް ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑަިގެންފައެވެ. އެކަމަށް ޑރ މުއިއްޒު ޝުކުރު ދަންނަވާފައިވާއިރު، އެމަނިކުފަނު ވިދާޅުވީ އެއީ ރަގަޅު ނިންމެވުމެއްކަމަށެވެ.

