ވެރިކަމެއްގައި ގެންގުޅުއްވާނެ މައިގަނޑު ސިޔާސަތަކީ ހަމަހަމަކަންކަމަށާއި، ސިޔާސީ ފިކުރުގެ ސަބަބުން ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށް ޕީއެންސީީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު ރަށްތަކަށް ވަޑައިގަތުމުން ރައްޔިތުން އަންނަނީ ކަންބޮޑުވުންތައް ހުށައަޅާ، ރަށަށް ބޭނުންވެފައި ހުރި ކަންކަން ހިއްސާ ކުރައްވަމުންނެވެ. މިކަންކަމަށް ހައްލު ގެނެސްދެއްވާނެކަމަށް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ޑރ މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ.
އެގޮތުން ރ އިންނަމާދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ އިންނަމާދޫއިން އެމަނިކުފާނަށް ބޮޑު ތާއީދެއް ދެއްވާފައިވާއިރު، ދެވަނަ ބުރަށް މާ ބުރަ މަސައްކަތް ކުރައްވަމުން އަންކަމަށެވެ. އިންނަމާދޫއިން އަލަށް ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑައިގެން ފަރާތްތަކަށް މަރުހަބާ ދަންނަވާ ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެއީ ރަނގަޅު ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.

ތަރައްގީއާއި ގުޅިގެން ދެއްކެވި ވާހަކައިގައި ޑރ މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއް ތަފާތުނުކުރައްވާނެކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނީ އިހުލާސްތެރިކަމާއިއެކުކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
އިންނަމާދޫއަށްވީ ބައެއް ވައުދުތައް:
- ސިއްހީ ނިޒާމު ހަރުދަނާ ކުރުން.
- އޭޓީއެމްއެއް ގާއިމްކުރުން.
- ފުޓްބޯޅަ ދަނޑެއް ގާއިމްކުރުން.
- ސުކޫލު ތަރައްގީކުރުން
- ބިން އޮންނަ މިންވަރަކުން ހައުސިން މަޝްރޫއު ކުރިއަށް ގެންދިއުން.
ބޯޓުތައް ބަނުމުގައި މި ރަށަކީ ވަރަށް ކުރިއަރާފައިވާ ރަށެއްކަމަށާއި، އަދި އެއީ ދިވެހިންގެ ވަރަށް ފަންނުވެރި މަސައްކަތެއް ނަމަވެސް، މިކަމުގައި ދިވެހިން ކުރިއަށް ގެންދިއުމަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދެއްވާކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ މިކަންކަމަށް އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ބޯޓު ބަނުމުގެ ކަންކަމުގައި އެމަނިކުފާނުުގެ ސަރުކާރެއްގައި އިސްކަންދެއްވާނީ ދިވެހިންނަށްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްތަކުން އެމަނިކުފާނަށް ވޯޓު ނުދެއްވި ނަމަވެސް، އެ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ދެއްވާފައެވެ. އަދި އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ހަމަހަމަކަންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

