ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާއި މެދު ކަންކުރަންވީ ގޮތް ސާފުނުވާ ކަމަށް އިލެކްޝަންސަ ކޮމިޝަންސް (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ބެހޭ ވޯޓާއި މެދު މަޖިލީހުގެ ނިންމުމަށް އަމަލު ކުރަންވީ ގޮތް ސާފު ނުވާކަމަށް އީސީން ބުނެ އެވެ. އެކަމަކު މިހާތަނަށް ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވެނީ އަންނަ މަހުގެ 29 ގައި ވޯޓު ނެގުމަށްކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓު ހަމަޖެހުމާއި އެކު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރިޔަށް ގެންދަން ޖެހޭ ޕްރޮގްރާމްތައް ފަށާނެކަމަަށް ފުއާދު ވިދާޅުވި އެވެ.
މީގެއިތުރުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މައުޟޫއުއަކަށްކަން އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތްކަމަށް ހަބީބު ވިދާޅުވި އެވެ. ހަބީބު ވިދާޅުވީ ވޯޓެއް ނަގާ ކަމަށްވާނަމަ، ވޯޓާސް ރަޖިސްޓްރީއެއް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކާއި ތައްޔާރުވާން ގިނަ ކަންކަން ހުންނާނެ ކަމަށެވެ. ނަމަވެސް ބަޖެޓް ނުލިބިއްޖެ ނަމަ، ނިޒާމީ ވޯޓު ނުނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާމީ ވޯޓެއް ނަގާނަމަ ފޮލޯ ކުރަން ނުވަތަ ތަބާވާން ޖެހޭ ގާނޫނެއް ނެތުމުން ގަވައިދެއް ހަދާ އެއާއިމެދު މަޝްވަރާ ކުރުމަށް ކޮމިޝަންގެ އިސް ބޭފުޅުންނާއި އަދި ލީގަލް ބޭފުޅުންނާއި އެކު މަސައްކަތް ކޮށް މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް އީސީއިން ވިދާޅުވިއެވެ. މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފިނަމަ ގާނޫނު އަސާސީގެ ދަށުން އެކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ފުޅާ ދާއިރާއެއްގަ އެކަން ކުރާނެކަމަށް ހަބީބް ވިދާޅުވިއެވެ.

