2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިމާވި ގިނަ މައްސަލަތަށް ހައްލުކުރުމަށް ޓަކައި ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ބާތިލް ވޯޓުގެ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ގިނަ މަސައްކަތް ތަކެއް ކުރައްވާ ކަމަށެވެ. އައިއެފްއެސް އާއި ގުޅިގެން ވީޑިއޯ އަދި މުހިންމު މައުލޫމާތު ހިމެނޭ ލުއި ފޮތެއްވެސް ތައްޔާރު ކޮށްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. ފޮތުގައި ކިއުގައި ނުޖެހި ވޯޓު ލެވޭނެ ފަރާތްތަކާއި، ފާހަގަ ލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކާއި އަދި އިތުރު ވޯޓާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަވި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ހަބީބް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ބަހައްޓާ 187 ވޯޓު ފޮށީގެ ވެރިންނާއި އެހީތެރިން ގެނެސްގެން އިތުރު ތަމްރީނު އެ ކޮމިޝަނުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަތޮޅުތަކުގެ ތެރޭގައި ބެހެެއްޓި 319 ފޮއްޓާއި ރާއްޖޭން ބޭރާއި، ރިސޯޓު ތަކާއި، ސިނާއީ މަސައްކަތް ކުރާތަންތަނާއި އަދި ޖަލުތަކާއި އެކު 81 ފޮށީގެ ވެރިންނާއި އެހީތެރިންނަށް އެ މައުލޫމަތު ދެއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
500 އަަށް ވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99 މަރުކަޒެއް ދެ ސެޓަޕަކަށް ބަދަލު ކުރައްވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެކަންކަން ކުރުމަށް އިތުރު މުއައްޒަފުންގެ އެހީ ހޯއްދަވާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް މަޑުކުރައްވާ ބޫތަށް އިތުރު ބަދަލުތަށް ގެނެސްފައި ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު ލާ ގަލަމަކީ ދެލި ހިނގާ ރަނގަޅު ގަލަމެއް ކަމަށާއި ގަލަމުގެ މައްސަލައެއް ޖެހެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ވޯޓު ކަރުދާހުގެ މަސައްކަތް ނިމި ވޯޓުކަރުދާސްތަށް މިހާރު ދަނީ ޗެކް ކުރައްވަމުން ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އީސީއިން ދެއްވާ މައުލޫމާތުގެ ތެރޭގައި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ކޮމްޝަނުން ދީފައިވާ މައުލޫމާތާއި އެއްގޮތަށް އެ މައުލޫމާތު ބޭނުންކޮށްގެން ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގެ މައްޗަށް އިރުޝާދު ދެއްވާ ކަމަށް ވިދާޅުވިއެވެ. އެކި މަރުކަޒުގައި އެކި ގޮތަށް ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގައި އަމަލު ކުރެވިފައި ވާކަމަށް ގިނަ ޝަކުވާ ލިބިފަ ހުރިކަމަށް ވިދާޅުވިއެވެ. ފުރަތަމަ އިންތިހާބުގައި ވޯޓު ނެގި ދުވަހު ދިމާވި ކަންކަމުގެ ތެރޭގައި ކިއު މެނޭޖުކުރުން ، ސައްހަ ވޯޓާއި ބާތިލް ވޯޓު ކަނޑައެޅުމުގައި ގޮންޖެހުންތަށް ދިމާވުން ހިމެނޭ ކަމަށް ހަބީބް ވިދާޅުވިއެވެ. ހަބީބް ވިދާޅުވީ ސައްހަ ވޯޓާއި ބާތިލް ވޯޓް ވަކި ކުރުމުގައި މޮނިޓަރުންނާއި އޮބްޒާވަރުން އެބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ސައްހަވޯޓު ބާތިލް ވޯޓަކަށް ބަދަލުކުރުން އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެއީ އެމީހުންނަށް ގާނޫނުގަ ލިބިގެންވާ ހައްގެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ. ވޯޓު ގުނާއިރު ސައްހަ ވޯޓާއި ބާތިލް ވޯޓުގެ ޝަކުވާހުށައަޅުމުގައި ހައްގު ލިބިގެންވަނީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އަދި މަންދޫބުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މޮނިޓަރުންނާއި އޮބްޒާވަރުންނަށް ޝަކުވާ ހުށަނޭޅޭނެކަމަށް ކަމަށް ވިދާޅުވިއެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުން ވޯޓު ނެގުމުގެ ކަންކަން ދާއިރު މިނިވަން ކަމާއެކު ލެވޭ ވޯޓަކަށް ހައްދަވާ ދެއްވަން ވަނީ އިލްތިމާޒް ކުރައްވާފައެވެ.
ފަރުދީ ޒިންމާ އަދާކޮށް 48 ގަޑިއިރުގެ ތެރޭގައި އެބޭފުޅަކު ރަޖިސްޓްރީވެފައި އޮތީ ބޭނުންފުޅުވާ ތަނުގަ ތޯ ކަށަވަރު ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހަބީބް ވިދާޅުވިއެވެ. 48 ގަޑިއިރަށް ފަހު ކޮމިޝަންނަށް އިތުރަށް އެއްވެސް ވަގުތެއް ނުދެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެން ކަމުން ލިބުނު ޝަކުވާތަކަށް ރިއާއަތްކޮށް ލޮސްޓު ފައިނަލް ކޮށް ވީހާވެސް ސައްހަ ލިސަޓެއް އާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކެންޑިޑޭޓުން ސޮއި ކުރުމަށް ފަހު ލިސްޓު ވޯޓުލާ މަރުކަޒު ތަކަށް ފޮނުވާނެކަމަށާއި ލިސްޓު އާންމުކޮށް، ކެންޑިޑޭޓޫން ސޮއި ކުރުމަށްފަހު އެލިސްޓަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ހަބީބް ވަނީ ރައްޔިތުންނަށް މައުލޫމާތުތަށް ފޯރުކޮށްދެއްވުމުގައި މީޑިއާގެ ފުރިހަމަ އެހީ ބޭނުންފުޅުވާނެ ކަމަށް ވިދާޅުވެފައެވެ.

