އޮކްޓޯބަރު މަހުގެ އެކެއްގައި ރާއްޖެ އަލިވިލޭނީ މިނިވަން ދިވެހިރާއްޖެއެއްގެ ގޮތުގައިކަމަށް ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޑރ. މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ދަނީ ކުރިޔަށެވެ. އެގޮތުން މިވަގުތު މާލޭގައި ހުންނެވި މުއިއްޒު ގިރާވަރު ކޮމިއުނިޓީ އާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ދިވެހިން މިއަދު ވިސްނަންވީ ގައުމާއި މެދު ކަމަށެވެ. ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް، ގައުމުގެ މުސްތަގުބަލާއި މެދު ވިސްނާއިރު ވަށައިގެން ހިނގަމުންދާ ކަންކަމަށް ވެސް ނަޒަރު ހިންގާލުން މުހިންމުކަމަށް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ގެންގުޅޭ ފޮރުވުމުގެ ސިޔާސަތުގެ ތެރެއިން، ރައްޔިތުންނަށް މުހިންމު ކަންކަން ވެސް އޮޅުވާލައި ދޮގު މައުލޫމާތުތައް ދެމުން ގެންދިޔަ ނަމަވެސް އެއީ ގައުމަށް ގެއްލުން ހުރި ނިންމުންތަކެއްކަން ނުވަތަ އެއްބަސްވުންތައްކަން ސަރުކާރުގެ ބަހުން ހާމަވާކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އަމަލުތަކުގެ ސަބަބުން ބަނަވަނީ، ގައުމާއި ގައުމުގެ މުސްތަގުބަލާއި އަންނަން އޮތް ޖީލުތަކުގެ މުޅި ހަޔާތް ކަމަށެވެ. އެހެންކަމުން އެއްވެސް ގައުމެއްގެ މިނިވަންކަމަކީ އެއީ ލޯމަތީ ބީވެގެން ދާ އެއްޗެއްގެ ގޮތުގައި ވެގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ފެންނަނީ ގައުމު ހަލާކުގެ މަގަށް ވެއްޓި، މިނިވަންކަމަށް ކިތަންމެ ބުރޫތަކެއް އައި ނަމަވެސް ބަޔަކު އެއަށް ވަރިހަމަވެފައިވާ މަންޒަރު ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވޯޓު ކަރުދާހުގައި ކޮންމެ ރައްޔިތެއް ވެސް ޖަހާ ފާހަގައެއީ ގައުމު ސަލާމަތް ކުރުމުގެ ބާރު ލިބޭ ދުވަސްކަމަށާއި، އެއީ މުސްތަގުބަލު ވެސް ކަނޑައެޅުމުގެ ބާރުކަމަށް މުއިއްޒު ވިދާޅުވި އެވެ.
މަދު ފައިސާކޮޅަކަށް، ނުވަތަ ލިބޭ ކޮންޓްރެކްޓަކާއި ޑީލްތަކަށް މިކަންކަން އެއްފަރާތްކޮށް ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދުމަށް މުއިއްޒު ގޮވާލި އެވެ. އެހެންކަމުން އޮކްޓޯބަރު އެކެއް އެއީ ގައުމު މިނިވަންކަމުގެ ނޭވާ ލާނެ، އަދި މިނިވަން ދިވެހި ރާއްޖެއަކަށް އަލިވިލޭ ދުވަހަކަށް ހެދުމުގެ އަޒުމުގައި މަސައްކަތް ކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ.

