ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު މާލޭ މެޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކުރައްވައިފިއެވެ.
ހުސެން ވަހީދު އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީގެ މެޔަރު ކަމަށް އޭނާ ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކަމަށްޓަކައި ރައްޔިތުންގެ ތާއީދު ބޭނުންވާކަމަށް ވިދާޅުވިއެވެ. އޭނާ މެޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުންނެވެ.
ހުސެން ވަހީދު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މަގާމުން އޭނާ ވަކިވެ ވަޑައިގެންނެވީ ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއަށް ފަހުގައި 2015 ގައެވެ. އެއަށް ފަހު އޭނާ ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރައްވާފަ އެވެ. އަދި އެއަށް ފަހު އޭނާ އުޅުއްވީ ޔޫތް މިނިސްޓްރީގައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޑރ. މުއިއްޒު ފެއްޓެވުމާއެކުގައި މާލޭގެ މެޔަރު ކަމުގެ މަސްއޫލިއްޔަތު އެމަނިކުފާނު ވަނީ ޑެޕިއުޓީ މެޔަރު އަހުމަދު ނަރީޝްއަށް ހަވާލުކުރައްވާފައެވެ. އެހެންކަމުން ވަގުތީ ގޮތުން މެޔަރުގެ ހުރިހާ ޒިންމާއެއް އަދާކުރައްވަމުން ގެންދަވަނީ ނަރީޝްއެވެ.
މީގެއިތުރުން ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވި ދެ ކެންޑިޑޭޓުންނަކީ މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ބުރުގައި މުއިއްޒު ވަނީ 101،635 ވޯޓު ހޯއްދަވައިފައެވެ. ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ އަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެއް ވަނަ އާއި ދެވަނަ އަށް ދިޔަ ކެންޑިޑޭޓުގެ ދެމެދުގައި ވަނީ ދެވަނަ ބުރެއް ބާއްވައިފައެވެ. ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓް ހޯއްދަވައިފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.

