ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު އެއް ބައިވެރިއެއްކަމަށާއި، އެ ގައުމުން ރާއްޖޭގެ އެތެރޭގެ ކަންކަމަށް ބަސް ބުނެ ސިޔާސީ މަސްރަހުގެ ތެރެއަށް ވަނުމަށް މަސައްކަތް ނުކުރާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ގިނަ ތަރައްގީގެ ޕްރޮޖެކްޓުތައް ނިންމާފައި ވަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި މާލެ، ހުޅުލެ، ހުޅުމާލެ ބްރިޖު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ފާހަގަކުރެވެ އެވެ.
ބައިނަލްއަޣުވާމީ މީޑިއާއެއްކަމަށް ވާ ”އަލްޖަޒީރާ“ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޚާރިޖީ ސިޔާސަތުތަކުގެ ދަށުން ބާއްވާ ގުޅުންތަކަކީ އެއީ އެއްވެސް ހާލަތެއްގައި ވަކިކޮޅަކަށް ބުރަވެފައިވާ އަދި ތަފާތު ކުރުންތަކެއް ގެންގުޅޭ މޭރުމުން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށެވެ. ކޮންމެ ގައުމަކަށް ވެސް މުހިންމުވާނީ އަމިއްލަ މިނިވަންކަމާއި، އިގްތިސާދު ކުރިއަރުވައި އެ ގައުމެއްގެ ރައްޔިތުންގެ ލާބައާއި މަންފާކަމަށްވުމާއި އެކު ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ޕޮލިސީކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މުހިންމީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލުކަމަށާއި ވަކިކަމަކަށް ބޭނުންވެ ސަލާން ޖަހާ އުސޫލަކީ އެމަނިކުފާނު ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ.
އަޅުގަނޑުމެންގެ ސިޔާސަތުތަކާއި، މިނިވަންކަމަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކީ އެއީ ގާތް ރަހުމެތްތެރިއެއް.. ގުޅުން އޮންނާނެ
ޕްރޮޖެކްޓުތަކާއި އިންވެސްޓްމަންޓުތައް އަދި ހަވާލުކޮށްފައިވާ މަޝްރޫއުތައް ވަރަށް ބޮޑަށް އިންޑިއާއަށް ބުރަވެ ރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލް އެ ގައުމަށް ލިބިފައިވާކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު އެކަން ހަމަމަގަށް އަޅުވައި ހަމަހަމަކަން ގާއިމު ކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެންމެ ފަހުން ސަފީރާއި އެކު އޮތް ބައްދަލުވުމުގައި ވެސް ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް އަނބުރާ ދައްކަން ޖެހެނީ އެ ގައުމަށްކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އިގްތިސާދު ވަކިކޮޅަކަށް ބުރަވެ، ކޮންޓްރޯލް ގެއްލެއްން ބޭނުން ނުވާކަން ސަފީރަށް ދެންނެވެމުން އެބޭފުޅުން ވެސް އެކަން ގަބޫލު ކުރައްވާކަމަށެވެ.
މި މައްސަލައިގެ ސީދާ ހައްލަކީ ކޮބައިކަން ދަންނަވަން ދަތިނަމަވެސް މަޝްވަރާގެ އުސޫލުގެ ތެރެއިން ގޮތްތަކެއް ހޯދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ ލޯނު ދެއްކުން ފަސް ކުރުންތޯ، ނޫނީ އެ މައާފު ކުރުންތޯ އެކަން ކަނޑައެޅޭނީ އެއަށްފަހުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މުއިއްޒުގެ ޖަވާބާއި އެކު ނޫސްވެރިޔާ ވަނީ، އައު ސަރުކާރާއި އެކު އިންޑިއާގެ ސިފައިން ވެސް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފެއްޓެވުމާއި އެކަމުގެ މަޝްވާރަކުގެ ސަބަބުން ލޯނުތަކަށް ލުއި ނުލިބިދާނެ ހާލަތެއް އައިސްދާނެތޯ ސުވާލު ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވީ އެފަދަ ހާލަތެއް އުފެދިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ލައިން އޮފް ކްރެޑިޓްއާއި، އެހެނިހެން ޕްރޮޖެކްޓުތައް މަޑުޖެހުން ނުވަތަ ފައިނޭންސިންގައި ދަތިތަކެއް ދިމާ ނުވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާ ރާއްޖެ ދެމެދު އޮތީ ގާތް ގުޅުމެއްކަމަށާއި، އެންމެ ކަމެއްގެ ސަބަބުން އެ ގުޅުން ހީނަރުވެގެން ދިއުމަށް ބޭނުން ނުވާކަމަށެވެ.
މީގެއިތުރުން ޗައިނާގެ ގުޅުން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އެ ގައުމަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެ ގައުމަކީ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބަސް ބުނެ، ސިޔާސީ މަސްރަހަށް ބަސް ބުނާ ގައުމެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ޗައިނާގެ ވިސްނުން އަބަދުވެސް ހުރީ ރާއްޖޭގެ ތަރައްގީއާއި، ކުރިއެރުމަށްކަމަށެވެ.
ޗައިނާއަކީ ރާއްޖެއާއި ވަރަށް ގާތް ގައުމެއް.. ހަމަ އެހެން ގައުމުތަކާއި ވެސް އެ ގުޅުން އޮވޭ.. ޗައިނާގެ ގިނަ ޕްރޮޖެކްޓުތައް ހިންގި، އެހީތެރިކަމާއި އިންފްރާސްޓްރަކްޗާގައި ވެސް.. މި ސަރުކާރުގައި ނޫނީ.. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ޗައިނާއިން ރާއްޖޭގައި ހިންގި ޕްރޮޖެކްޓުތަކުން ތަރައްގީއަށް ކުރިއެރުން ލިބުނު.. ޗައިނާއިން އެހެން ގައުމުތަކާއި އަދި ރާއްޖެއަށް ވެސް ގެންގުޅެނީ އެ ސިޔާސަތެއް.. އެތެރޭގެ ކަންކަމަށް ބަސް ނުބުނާނެ.. އިގްތިސާދު ސުވާލުމާކެއްގެ ތެރެއަށް ވައްޓައެއް ނުލާ..
ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުމަކީ އެއީ އިގްތިސާދާއި މިނިވަންކަމަށް ގެއްލުންތަކެއް ނުވާނެ ގުޅުންތަކެއް ނަމަ އެ ގުޅުން ދަމަހައްޓާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަބަދުވެސް އިސް ކުރައްވާނީ ގައުމުގެ މަސްލަހަތުކަމަށް މުއިއްޒު ވިދާޅުވި އެވެ.

