ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް މިއަދުގެ ހެނދުނަށް ބޭއްވުމަށް ތާވަލު ކުރި ޖަލްސާއަށް ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ ޖަލްސާ ބޭއްވޭނެކަމާއި މެދު ސުވާލު އުފެދިއްޖެ އެވެ.
ބަލި ހާލަތު ހުރި ގޮތުން މިއަދުގެ ޖަލްސާއަށް ހާޒިރު ނުވެވޭނެކަން އީވާ އަންގަވާފައިވާކަން، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހެނދުނުގެ 09:00 އަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓު ނެގުން ތާވަލުކޮށްފައިވީ ނަމަވެސް މީގެކުރިން ވެސް އުފެދިފައި އޮތް އެންމެ ބޮޑު ސުވާލަކީ ޖަލްސާ ކުރިޔަށް ގެންދެވިދާނެ ތޯ އެވެ. ޖަލްސާގެ ރިޔާސަތު ރައީސް ނަޝީދު ނޫން އިތުރު ބޭފުޅަކު ބަލަހައްޓަވަން ޖެހޭއިރު އީވާ އާލާސްކަންފުޅާ އުޅުއްވާކަން މީޑިއާތަކުން ވަނީ މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފަ އެވެ.

