މަޖިލީހގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް ނަގާ ވޯޓު ތާވަލުކޮށް، މާދަމާއަށް ޖަލްސާއެއް ތާވަލުކުރުމަށް އެދި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅައިފި އެވެ.
އިތުބބާރު ނެތްކަމުގެ ވޯޓު މިދިޔަ ހަފްތާގެ އާދީއްތައަށް ތާވަލު ކުރިނަމަވެސް، ޖަލްސާ ކުރިޔަށް ނުގެންދެވި ކެންސަލް ކުރަން ޖެހުނީ ރިޔާސަތު ބެލެހައްޓަވާނެ ބޭފުޅެއް ނެތުމުންނެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫއަށް ޕޮޒިޓިވް ވުމުން މި ހަފްތާ އެއްކޮށް ހުންނެވީ ސަލާމުގަ އެވެ. އީވާ ނެތި ޖަލްސާ ކުރިޔަށް ނުގެންދެވޭނެކަމުގެ ލަފާ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ އެމްޑީޕީގެ ޕީޖީއަށް ލިއުމުން އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އަންގަވާފަ އެވެ.
އެ ސަބަބު ގަބޫލު ކުރުމަށް ދެކޮޅު ހަދައި އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީން އެދިފައި ވަނީ ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމާފައިވާ ނިންމުން އެއީ ގާނޫނާ ހިލާފު ނިންމެވުމަށްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިޔަށް ނުގެންގޮސް މަޖިލީހުގައި އިތުރު މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް ވެސް މައްސަލައިގައި ވެއެވެ.
މި މައްސަލައިގައި އެކި ފަހަރު މަތީން ޕާލިމަންޓު ގުރޫޕުން ނިއުޝާއަށް ސިޓީ ފޮނުވާފައި ވެއެވެ. އަނެއްކާވެސް އިތުރު ސިޓީއެއް މިއަދު ފޮނުވިއިރު، އެމްޑީޕީން ނޫސްވެރިންނާ ހިއްސާ ކުރި ލިއުމުގައި ވަނީ މާދަމާ ޖަލްސާއެއް ބާއްވަން އެދިފައިވާ ކަމަށެވެ.
ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީން އެދުނުއިރު، މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމަންޓް މެމްބަރުން އިހުތިޖާޖެއް ވެސް ކުރި އެވެ. މެމްބަރުން އާންމު ކުރި ފޮޓޯތަކުގައި ފެންނަ ގޮތުން އެބޭފުޅުން ގޮވާލާފައި ވަނީ ބޮޑު މެޖޯރިޓީއަކާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ޑިމޮކްރެސީގެ ހަމަތައް ގަބޫލު ކުރާ ގޮތުގެ މަތީން އިސްތިއުފާ ދެއްވުމަށެވެ.
މެމްބަރުން ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށެވެ. މަޖިލީހުގައި ކުރިޔަށް މުހިންމު މަސައްކަތްތައް ހުރިއިރު އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި އަހަރުގެ ފަހު ދެ މަހަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތުގެ އިތުރުން ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ފަހު ކެބިނެޓަށް ރުހުން ހޯދުން ހިމެނެ އެވެ.
އެމްޑީޕީ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގަ މީގެއިން އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެކަމަށް ބުނެފަ އެވެ. އަދި އިންތިހާބީ ރައީސްގެ ހުވާ ވެސް ގަބޫލު ނުކުރާނެކަމަށާއި، ކެބިނެޓަށް ރުހުން ނުދޭނެކަމުގެ އިންޒާރު ވެސް ދިނެވެ.

