މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މޭސްތިރިންކަމަށް ދައުލަތުން ބުނާ އަދި އެ މައްސަލައިގައި ހުކުމް ވެސް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސުލްޖުމްހޫރިއްޔާ މައާފު ދެއްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލުމުން، އެ ހުރިހާ ދައުވާއެއް ވެސް ކޯޓުގައި ވަނީ ސާބިތުވެފަ އެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.
އެ ކުށް ސާބިތުވެ އިއްވީ 20 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިމް ޝަމީމް ވިދާޅުވެފައި ވަނީ އަދީބަށް ގިނަ ދައުވާތައް އުފުލޭނެކަމަށާއި އެ ހުރިހާ ކުށެއް ސާބިތުވާ ހާލަތެއްގައި މުޅި ޖުމްލަ ޖަލު އަދަބު 800 އަހަރަށް އަރާނެ ކަމަށެވެ. އެކަމަކު އަދީބާއި އެކު ދައުލަތުން އެކުލަވާލި އިއުތިރާފު އެއްބަސްވުމުގެ ދަށުން، އޭނާގެ މައްޗަށް އިއްވި އަދަބު ލުއިވީ އެވެ. އެ އެއްބަސްވުން އެކުލަވާލާއި، އަދީބު ބޭނުން ކުރީ ރައީސް ޔާމީނަށް ކުށް ސާބިތު ކުރުމަށް ހެކި ބަސް ދިނުމަށެވެ. އަދި އަދީބު ވަނީ ގއ. ވޮޑަމުލާ މައްސަލަ އާއި، ވ. އާރަށުގެ މައްސަލައިގެ އިތުރުން ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދެއްވާފަ އެވެ.
މީގެއިތުރުން ޒިޔަތަކީ ވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ޖަލު ހުކުމް ގޭގައި ތަންފީޒު ކުރައްވަމުން އައި ބޭފުޅެކެވެ. އޭރު އޭނާގެ މައްޗަށް ޝަރީއަތްތައް ކުރިޔަށް ދިޔައިރު ދައުލަތުން ބުނެފައި ވަނީ ޒިޔަތަކީ ހިޔާނާތް ހިންގުމުގެ އެއް މޭސްތިރިޔާ ކަމަށެވެ. ޒިޔަތުގެ މައްޗަށް އިއްވި ހުކުމުގެ އަދަބު ވެސް ލުއިވީ އެއްބަސްވުމެއް އޮތުމާއި އެކު ރައީސް ޔާމީންގެ މައްސަލައަށް ހެކި ބަސް ދެއްވުމުންނެވެ.
އަދީބާއި ޒިޔަތުގެ ހެކި ބަސް ބޭނުން ކުރުމަކީ، ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ އެންމެ ބޮޑު އިއުތިރާޒު ނުކުތާ އެވެ. އެގޮތުން ދެބޭފުޅުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ވަކީލުންނާއި ރައީސް ޔާމީން ވެސް ފާހަގަ ކުރި އެވެ.
ވެރިކަމުގެ ދައުރު ނިމެން 3 ދުވަހަށްވެފައި ވަނިކޮށް އަދީބާއި ޒިޔަތަށް މައާފު ދިންކަން ”ސަންގު“ އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

