ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމުން، އެ ފާސް ކުރުމަށް ހުރަސްއަޅައި ޑިމޮކްރެޓްސް މަސައްކަތް ކުރަމުން ދަނީ ދިވެހި ރައްޔިތުންގެ އެތައް ހައްގަކަށް އަރައިގަތުމަށްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް އިތުރު ކުރާ ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސަށް ހުޅުވާލުމުގެ ކުރިޔަށް ނިޒާމީ ނުކުތާތައް ނަންގަވައި ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވީ، މިއީ ގަވައިދާއި ހިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ މި ބަޖެޓަށް އެއްވެސް ފުރުސަތެއް ނެތްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ނުކުތާ ރިޔާސަތުން ބަލައިނުގަތެވެ. އެއަށް ފަހު ބަހުސަށް ހުޅުވާލުމުން، ޝަރީފް ވިދާޅުވީ ދިވެހި ދައުލަަތަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ނިކުމެ ކުރަމުންދާ މަސައްކަތް ކުށްވެރި ކުރާކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ބޭނުމަކީ ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމެވެ. އެހެންކަމުން އިއްޔެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ގޮތަށް ހަ ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސް ކުރުމަށް ތާއީދު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.
އެފޮތަށް ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި، ދިވެހިންނަށް ބޭނުންވެެފައިވާ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޖާގަ ދިނުމަށްކަމަށް އޭނާ ވިދާޅުވި އެވެ. ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ފުރުސަތު ދޭން ޖެހޭކަމަށާއި، ރައްޔިތުންނަށް މި އަހަރު އާސަންދަ ނުލިބޭ ނަމަ އެތައް ގެއްލުންތަކާއި ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ގެއްލުންދޭން އުޅޭ ބަޔަކު، ދިވެހި ރައްޔިތުންގެ އާސަންދައަށް ހުރަސްއަޅަމުން މި ދަނީ… ރައްޔިތުންގެ ހައްގާއި ދޭތެރޭގައި އެއްވެސް ކަހަލަ ވިސްނުމެއް އޮތްނަމަ.. އޯގާތެރި ބައެއްނަމަ ބަޖެޓަށް އިތުރު ކުރާ ބަޔަކަށް ހުރަހެއް ނާޅާނެ..
ޝަރީފް ވިދާޅުވީ ޑިމޮކްރެޓްސްގެ މެމްބަރުން ހުރަސް އަޅަމުން ދަނީ ދިވެހި ރައްޔިތުންގެ ހައްގަށް ކަމަށެވެ. އެހެންކަމުން މި ބަޖެޓު ވީހާވެސް އަވަހަަށް ފާސް ކުރަން ޖެހޭކަމަށާއި، ދިވެހިންނަށް ފަރުވާ ދޭން ހުރި ބޭސް ކްލިނިކްތައް ބަނގުރޫޓު ވާން ދޫކޮށްލައިގެން ނުތިބެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަށް ހުރަސްއަޅަމުން ދަނީ، ދިވެހި ރައްޔިތުންގެ ހައްގަށް އަރައިގަތުމަށް ކަމަށެވެ.
ދިވެހިރައްޔިތުން ދަޑިމޮކްސް (ޑިމޮކްރެޓްސް) ގެ ކޮން ހައްގަކަށް ތޯ އަރައިގަތީ.. އަޅުގަނޑުމެން ކުރާނެކަމެއް ނެތް.. ދިވެހި ރައްޔިތުން ފަނަރަހާސް ވޯޓު ދިނީތީ އެކަމާ ދުޝްމަނުވެގެން.. ކީއްތޯ ކުރަން މިއުޅެނީ.. ދިވެހި ރައްޔިތުންގެ ކަރަށް އަތް ބާނައި، ގޮހޮރު ދަމައިގަތުމަށް ތޯ މިއުޅެނީ.. ދަޑިމޮކްސް ހީކޮށްގެން ނުވާނެ ދިވެހިރައްޔިތުންގެ ކަރަށް އަތް ބާނައި، ގޮހޮރު ދަމައިގަތުމަށް ފުރުސަތު ދޭނެކަމަށް..
ޑިމޮކްރެޓްސްގެ މެމްބަރުންނަށް ފާޑުވިދާޅުވެ، ޝަރީފް ވަނީ ރިޔާސީ އިންތިހާބުގައި 15،000 ވޯޓު ލިބި ހަތް އިންސައްތައިގެ ރުޅި ދިވެހި ރައްޔިތުންނަށް ނުދެއްކުމަށް ގޮވާލާފަ އެވެ. އަދި އެބޭފުޅުން ބޭނުންވި ތާއީދު، ނުވަތަ ވޯޓު ނުދިނުމަކީ ރައްޔިތުން ދެކެ ހިތްހަމަ ނުޖެހެން ޖެހޭ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

