އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އަކީ ދެ ވަނަ ޖުމްހޫރިއްޔާގެ ހަތް ވަނަ ރައީސްއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު 58.4 އިންސައްތަ ތާއީދާއިއެކު ކާމިޔާބު ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައި ކުރައްވައި، މަޤާމާއި ޙަވާލުވެވަޑައިގަތީ 2018 ނޮވެންބަރު 17 ވަނަ ދުވަހުއެވެ.
މިހާރު އެމަނިކުފާނުގެ އުމުރުފުޅަކީ 61 އަހަރެވެ. އުފަންވެވަޑައިގަތީ މާޗް 1، 1962 ވަނަ އަހަރު ޅ. ހިންނަވަރަށެވެ. އެ ރަށު ނޫރާނީއާގެ މުހައްމަދު ސާލިހާއި ދޫރިޔާގޭ މުއުމިނާ ހުސެއިންފުޅަށް ލިބިވަޑައިގެންނެވި 13 ބޭފުޅުންގެ ތެރެއިން ސޯލިހަކީ ތިން ވަނަ ދަރިކަލުންނެވެ. އަދި އެންމެ ދޮށީ ފިރިހެން ދަރިކަލުންނެވެ. ރައީސް ސާލިހުގެ ބައްޕާފުޅު މުހައްމަދު ސާލިހަކީ ކިލެގެފާނުގެ ދަރަޖަ ސަރުކާރުން ދެއްވާފައިވާ، މާލެއިން އުތުރުގައި ފާހަގަ ކޮށްލެވޭ ވިޔަފާރިވެރިއެކެވެ. އެމަނިކުފާނުގެ ބައްޕާފުޅު ވަނީ ފާދިއްޕޮޅުގެ އަތޮޅު ވެރިކަންވެސް ކުރައްވާފައެވެ.
ރައީސް ސާލިހު ސްކޫލް ދައުރަށްފަހު ކައިވެނި ބައްލަވައިގަތީ މަޝްހޫރު އަހްމަދު އިސްމާއީލް މަނިކު (ސިއްކަ އަހުމަދު މަނިކު) ގެ ދަރިކަނބަލުން މ. ދީފުރަމްއާގޭ ފަޒުނާ އަހުމަދުއާއިއެވެ. ރައީސް ސާލިހު އާއި ފަޒުނާއަށް ލިބިވަޑައިގެންފައިވަނީ ސާރާ އިބްރާހިމް، 28 އަދި ޔަމާން އިބުރާހިމް، 25 އެވެ.
ތުއްޕުޅުއިރުގެ ދުވަސްތައް:
އެމަނިކުފާނު ތައުލީމު ހާސިލް ކުރެއްވީ ހިންނަވަރު މަދަރުސަތުއް ނާސިޔާއިންނެވެ. އުމުރުފުޅުން 10 އަހަރުގައި ކިޔަވާ ވިދާޅުވުމަށް މާލެ ވަޑައިގެން ދިރިއުޅުއްވީ ބައްޕަ ފަރާތުގެ ބޮޑުބޭބެ އަރިހުގައިއެވެ. ފުރަތަމަ ވަޑައިގަތީ، އަމިއްލަ ސްކޫލެއްކަމުގައިވާ އޭރުގެ އީޕީއެސް ސްކޫލަށެވެ. އެ ސްކޫލުގައި އުޅުއްވަމުން ހެއްދެވި ޖޭސީއީ އިމްތިހާނުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެން، ސަރުކާރުގެ އެންމެ ވަރުގަދަ ސްކޫލު، މަޖީދިއްޔާ ސްކޫލުން ރައީސް ސާލިހު ވަނީ ޖާގަ ހޯއްދަވާފައެވެ.
ރައީސް ސާލިހަކީ ތޫނުފިލި ދަރިވަރެެއްގެ ގޮތުގައި އޭރުވެސް ފާހަގަކުރެއެވެ. އެމަނިކުފާނާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫނު ވިދާޅުވެފައި ވަނީ އެއީ ހިސާބު އިލްމަށް މޮޅު ދަރިވަރެއްކަމަށެވެ. ސްކޫލު ހަރަކާތްތަކުގައި އިސްނަގައިގެން އުޅޭ ދަރިވަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ރައީސް ސާލިހު ސްކޫލު ނިންމެވީ މަޖީދިއްޔާ ސްކޫލްގެ ސްޕޯޓްސް ކެޕްޓަންކަމާއި އެ ސްކޫލުގެ އިސްކަންދަރު ހައުސްގެ ކެޕްޓަން ފުރިހަމަ ކުރެއްވުމަށް ފަހުއެވެ. ރައީސް ސާލިހުގެ ލިހުގެ ޝައުގުތަކުގެ ތެރޭގައި ފޮތް ކިޔުއްވުމާއި ވޮލީ ކުޅުއްވުމާއި، ފޮޓޯ ނެންގެވުން ހިމެނެއެވެ.
ސުކޫލު ދައުރު ނިމުމަށްފަހު އެމަނިކުފާނުގެ ހަޔާތް:
ސްކޫލު ދައުރަށްފަހު އެމަނިކުފާނު ފުރަތަމަ ގުޅިވަޑައިގަތީ ޓީވީއެމްއާއިއެވެ. ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައިވާއިރު، ހަބަރު ލިޔުއްވުމާއި ތަރުޖަމާކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.
އޭގެ ފަހުން އިތުރަށް ތައުލީމު އުގެނުމަށްޓަކައި، އޮސްޓްރޭލިއާއަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ ބިޒްނަސް މެނޭޖްމެންޓާއި އެކައުންޓިން ދާއިރާއިން ކޯސްތައް ފުރިހަމަ ކުރައްވާފައެވެ. އޭގެ ފަހުން މާލެ ވަޑައިގެން ހަރަކާތްތެރިވެވަޑައިގެންނެވީ އާއިލީ ވިޔަފާރީގައިއެވެ.
ސިޔާސީ ހަޔާތް:
ރައީސް ސާލިހު ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުމުގައިވެސް އިސް ދައުރެއް އަދާ ކުރައްވާފައެވެ. 2011 ވަނަ އަހަރު އެ ޕާޓީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރކަމާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ލީޑަޝިޕްގައި ޕާޓީ ހިންގެވުމުގެ ރަސްމީ މަގާމެއް ނެތް ނަމަވެސް، ކޮންމެ ބޮޑު ކަމެއްގައި ރައީސް ސާލިހު ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގައި، އިސްލާހީ މަސައްކަތްތަކުގައިވެސް ރައީސް ސާލިހު ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.

