ހަންބޯ ކުންފުނީގެ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވާ ކުރުމަށް ހުށަހަޅައިފި އެވެ.
މި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 އިންސައްތަ ޙިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްޙަނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާތީ އެވެ. އަދި ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕަރޓްމަންޓްތައް ވިއްކިއިރު، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާ، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީއެވެ. އަދި އޮޅުވާލުމުގެ ދަޢުވާކޮށްފައިވަނީ އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕަރޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީއެވެ.
މައްސަލައާ ގުޅިގެން މަނީ ލޯންޑްރިންގ އާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންގއަށްކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް ޙަސަން މަމްދޫޙު ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ތަރައްޤީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕަރޓްމަންޓްއެއް ގަނެފައިވާތީއެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ ފްލެޓުތަކުގެ މައްސަލަ ފެންމަތިވީ ފަހުން، އެންމެ ބޮޑަށް މީޑިއާތަކުގައި ފެންމަތިވީ މަންޑޭގެ އަގުބޮޑު ދިރިއުޅުމާއި ގުޅޭގޮތުންނެވެ. އެގޮތުން އޭނާގެ ހާލަތާއި ނުބައްދަލު މުއްސަނދިކަމާއި އެކު، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކުރާ ދަތުރުތަކާއި އަދި އަގުބޮޑެތި ހޮޓެލްތަކުގައި މަޑުކުރުން އަދި އޭނާ ދިރިއުޅެން ގަނެފައިވާ ޕެންޓް ހައުސްގައި މަޝްހޫރު އަގުބޮޑު ބްރޭންޑުގެ ސާމާނުތައް ހުރުން ފާހާގަކުރެވުނެވެ.
ކޭޕާކުގެ އެޕާޓްމަންޓުގެ ފެލެޓުތައް އެކި މީހުންނަށް އެއްތަން އަގުބޮޑުކޮށް ވިއްކި މައްސަލަ ފަޅާއަރާފައިވަނިކޮށް، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަންޑޭގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އެތާ ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މަންޑޭގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައި ވަނީ އެ ގެއިން ފެނުނު ތަކެތީގެ ޖުމްލަ އަގުތައް ހުރީ މިލިއަނުން ކަމަށެވެ. އެގޮތުން ލަގްޒަރީ ބްރޭންޑެޑް އަތްދަބަސްތަކުގެ އަދަދު 90،000 ޑޮލަރަށް އަރާއިރު، 10،000 އާއި 15،000 ރުފިޔާއަށް ގަނެފައިވާ ގަހަނާތައް ހުއްޓެވެ، އަދި އަތުގައި އަޅާ ބައެއް ފިރިހެން ބްރޭސްލެޓްތައް 28،000 ޑޮލަަރަށް ގެނެފައި ވެއެވެ. އަދި 200 އަށް ވުރެ ގިނަ ބްރޭންޑެޑް ސެންޓުފުޅި ވަނީ ފެނިފަ އެވެ.
ޕެންޓް ހައުސްގެ އަގާއި، އެކު މިހާތަނަށް އެއް ކުރެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން އޭގެތެރެއިން ހިފެހެއްޓި ތަކެތީގެ ޖުމްލަ އަގު 14 މިލިއަން ރުފިޔާއަށް ވުރެ މައްޗެވެ.

