ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) މައްސަލައިގައި އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސިޓީކަމަށް ބުނާ ސިޓީ ތަރުޖަމާ ކުރުމަށް ފަހު، ސިއްރުނުކޮށް ހުޅުވާލެވިފައިވާ ބަހުސެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.
ވެރިކަމުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރައީސްގެ ސިޓީކަމަށް ބުނާ ލިއުމެއް އާންމުވުމާއި އެކު ސަރުކާރުން އެއީ ސައްހަ އެއްޗެއްކަމަށް ބުންޏެވެ. އެކަމަކު އޭގެ ކުރިން އާންމުވި ލިއުމެއްގެ ބައެއް އެއީ ދޮގެއްކަމަށް ބުނެ، ސިޓީ އާންމުކޮށް އޭގައި ވަނީ ކޮން ވާހަކަތަކެއްކަން ހާމަނުކުރެވޭނެކަމަށް ވެސް ސަރުކާރުން ބުންޏެވެ. އޭރު ސަރުކާރުން ބުނީ ދެ ގައުމެއްގެ އިސްވެރިންގެ މެދުގައި ބަދަލު ކުރެވޭ ސިޓީތައް ހާމަ ނުކުރެވޭނެ ކަމަށެވެ.
އެކަމަކު ފަހުން އާންމުވި ސިޓީގައި ވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރައްޖެއިން އެންމެ ކުރީއްސުރެ ގެންގުޅޭ ސްޓޭންޑު ދަމަހައްޓާކަމަށެވެ. އަދި ސިޓީ ފައްޓަވަމުން ވެސް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ސްޑޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އިތުރަށް ބުނެފައި ވަނީ ރާއްޖެއިން މޮރިޝަސް ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތު ކުރާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް ވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް، ރައީސް ސޯލިހު ފޮނުވިކަމަށް ބުނާ މި ސިޓީގެ މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ 241 ކޮމިޓީ ބައްދަލުވުމުގައި ހޯރަފުށި ދައިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މަޖިލީހުގެ ލީގަލް ކައުންސިލް ޖެނެރަލް މެދުވެރިކޮށް ސިޓީ ތަރުޖަމާ ކުރުމަށް ހުށަހަޅާފަ އެވެ. ސިޓީގައި މާނަ މާބޮޑަށް ނޭނގޭ، ފަރިތަ ނޫން ބަސްތަކެއް ވެސް ހުރުމާއި އެކު ސައްލެ ހުށަހެޅީ ސިޓީ ތަރުޖަމާ ކުރުމަށެވެ.
ކޮމިޓީ ފެށުމުން ތުލުސްދޫ ދައިރާގެ މެމްބަރު އިބްރާހިމް ނަސީރު ވަނީ ސިޓީގައި ސިއްރު ޖަހާފައިވާކަން ފާހަގަކުރައްވައި، އެގޮތުގެ މަތީން ބައްދަލުވުން ކުރިޔަށް ގެންދިއުމަށް އެދިފަ އެވެ. އެކަމަކު އެއަށް ދެކޮޅު ހަދައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ސިޓީގެ މައްސަލައިގައި ތެދު، ދޮގު ވަރަށް ބޮޑަށް އޮޅިފައިވާތީ ބައްދަލުވުން މީޑިއާތަކަށް ސިއްރު ނުކޮށް ކުރިޔަށް ގެންދިއުމަށެވެ.
ރާއްޖޭގެ ސްޓޭންޑު ބަދަލުކޮށް، އެ ނިންމުމުގެ ދިފާއުގައި ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތްކޮށް ސަރުކާރުން އޭރު ބުނެފައި އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.
ރާއްޖެއާއި ދެކޮޅަށް މޮރިޝަސްއިން މައްސަލަ ހުށަހަޅާފައި ވަނީ އިގްތިސާދީ ހާއްސަ ސަރަހައްދާއި، ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ކަނޑައަޅައިދޭންށެވެ. އަދި ހުކުމް ނިމިގެން ދިޔައީ ރާއްޖެއާއި އެއްކޮޅަށްކަމަށް ބުނި ނަމަވެސް ކުރީގެ ބަންޑާރަ ނައިބުންނާއި ސިޔާސީ ޕާޓީތަކުން އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހެދި އެވެ. އިޓްލޮސްގައި މައްސަލަ ނިމިގެން ދިޔައީ ފުށު އަރާބައި އިކުއިޑިސްޓެންސްގެ އުސޫލުން ބަހާލުމަށެވެ. ޗާގޮސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައި ނެތެވެ. ސަރަހައްދީ އިން ވަކި ކުރުމުގައި އެއްބަސް ނުވެވޭ ހާލަތެއްގައި، ދެން އަމަލު ކުރަން ޖެހެނީ އިކުއިޑެސްޓެންސަށް ބަލައިގެންނެވެ.
ސޯޝަލް މީޑިއާގައި މީގެ ކުރިން އާއްމުވެފައިވާ ސިޓީގައި ވާގޮތުން، އެމެރިކާގެ ބޭސްއެއް އޮތް ޑިއޭގޯ ގާސިއާއަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ މަގު ފަހިކޮށްދޭނެކަމަށެވެ. އަދި މޮރިޝަސްގެ މީޑިއާތަކުގައި ވެސް ސިޓީއާއި ގުޅޭ ބޮޑެތި ތުހުމަތުތަކެއްކޮށްފައި ވެއެވެ.
ކާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާކަމަށް ތަކުރާރުކޮށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތުކަަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދޭނެކަމަށެވެ.
އޭރު އެ މައްސަލައިގައި ސިޓީ ދޮގު ކުރުމުން، ގިނަ ބަޔަކު ސިޓީ ހާމަ ކުރުމަށް ވެސް ގޮވާލި އެވެ. އެކަމަކު ދެ ގައުމެއްގެ ހެޑް އޮފް ސްޓޭޓުންގެ ދެމެދު ދެކެވޭ ވާހަކަތައް އާންމު ނުކުރެވޭނެކަމަށް ބުނެ ސަރުކާރުން އެކަމަށް ދެކޮޅު ހެދި އެވެ. އަދި ރައީސް ސޯލިހު ވެސް ދެއްވި ޖަވާބަކީ އެއީ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުވި އަސްލު ސިޓީކަމަށް ބުނާ ލިއުން ހާމަވީއިރު، އެ ސިޓީގައި ހާމަނުކުރެވޭ ފަދަ އެއްވެސް ސިއްރު ވާހަކައެއް ނެތެވެ.

