މިވަގުތު ކުރަމުން ދަނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެމްބަރުން ތިބިކަން ކަށަވަރު ކުރުމުގެ މަސައްކަތްކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ޕީޕީއެމުން ވަކިވެ، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އުފައްދަވާ ޕާޓީއެކެވެ. ދެ ރައީސުންގެ ދެމެދު ދެ މިސްރާބަކަށް މަސައްކަތް ކުރަން ޖެހޭފަދަ މައްސަލައެއް ޖެހެން، ދިމާވީ ކޮން ހާލަތެއްކަން އަދި ސާފުވެފައި ނުވާއިރު ހިޔާނާތުގެ ދައުވާތަކެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން ރައީސް ޔާމީނަށް މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އެކަމަކު ފަހަކަށް އައިސް ރައީސް ޔާމީން ގެންދަވަނީ، ޕީއެންއެފް ހިންގާ ހ. ހުރަފާއަށް ވަޑައިގެން އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.
ރައީސް ޔާމީން ޕީއެންއެފް އުފެއްދުމުގެ އެކި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވާއިރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާނެކަމަށް އަންދާޒާ ކުރެވޭ ތާރީހެއް އަދިވެސް އެ ޕާޓީގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ފަރާތުން ނުލިބެ އެވެ.
ޕީއެންއެފްގެ ފޯމުތައް ހުށަހެޅުން ލަސްވަނީ ކޮން ސަބަބަކާއި ހުރެތޯ ނޫސްވެރިން ތަކުރާރުކޮށް ކުރާ ސުވާލުތަކަށް މަލީހު ވިދާޅުވީ އެ މަރުހަލާ ކުރިޔަށް ގެންދާނީ ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ކަމަށެވެ. އަދި ހަމަކުރަން ޖެހޭ އަދަދަކާއި އެކު ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ މަލީހު ވިދާޅުވި ގޮތުގައި ސިޔާސީ މަސްރަހަށް ބަލައި، އެކަމަށް އެންމެ ރަނގަޅު ވަގުތު އެވެ.
މަލީހު ވިދާޅުވީ މިވަގުތު އެންމެ މުހިންމު ސަމާލުކަމެއް ދެނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގެ ފޯމުތައް ވެސް ލިބިފައިވޭތޯ ކަށަވަރުކޮށް މެމްބާޝިޕް ފޯމު ނެތް ރަށްތަކުގައި ހަރަކާތް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި އީސީގެ ޕޯޓަލްގެ އެކްސެސް ވެސް އަދި ނުލިބޭކަމަށް މަލީހު ވިދާޅުވި އެވެ. އެކަމާ ގުޅޭގޮތުން ކޮމިޝަނާ އެކު އެއްވެސް މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަތޯ އާއި، އެ ޝަކުވާ ހުށަހެޅިންތޯ ސުވާލު ކުރުމުން ޖަވާބުގައި މަލީހު ވިދާޅުވީ ތަފްސީލެއް ބެއްލެވުމަށް ފަހު އާދީއްތަ ދުވަހު ޖަވާބެއް ދޭނެ ކަމަށެވެ.
އެންމެ ފަހުން ޕީއެންއެފްގައި އޮތް ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ޕީއެންއެފަށް ސޮއި ކުރައްވާފަ އެވެ. އަދި އެ ރޭ އެމަނިކުފާނު ޕާޓީގެ އާންމު މެމްބަރުންނާ އަދި ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަ ނުދެއްކެވި ނަމަވެސް ޖުމްލަކޮށް އެމަނިކުފާނުގެ ވިސްނުންކަމަށް ބުނެ މަލީހު ވަނީ ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ.
ޕާޓީ އުފެއްދުމާއި އަދި ހުއްދަ ދޫކުރުމާއި ގުޅޭގޮތުން މަލީހު ގާނޫނުގައި ބުނާ ޕާޓީއެއް އުފެއްދުމަށް ބުނާ ތިން ހާސް މެމްބަރުންގެ ސޮއި ހަމަވެފައިވާކަމަށާއި، އެހެންކަމުން އީސީއަށް ފޯމުތައް ހުށަހަޅައި ވީހާވެސް އަވަހަށް ކޮންގްރެސް ބާއްވާނެކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ، އެމަނިކުފާނުގެ އިހުލާސްތެރިން ތިބީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އަދި އަމާޒަކީ ސިޔާސީ ގޮތުން އައު ވިސްނުންތަކެއް ގެނައުންކަމަށް މަލީހު ވިދާޅުވި އެވެ.
ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު، ސަރުކާރުގެ ދިފާއުގައި ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި އަދި ވަޒީރުން ވަނީ މިއީ ގައުމު އިސް ކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރި ވެރިކަމެއް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން އެކަހެރި ކުރިކަމުގެ ތުހުމަތުކޮށް ޕީއެންއެފް އުފެއްދުމުގައި ދެން އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މަލީހުގެ އެންމެ ބޮޑެތި ފާޑުކިއުންތައް ވަނީ އެބޭފުޅުންނަށް އަމާޒުވެފަ އެވެ.
އެކަމަކު މެމްބަރުން ވަނީ ޖަމީލާއި، މަލީހަކީ ރައީސް ޔާމީނަށް ހެޔޮ އެދިގެން ރަނގަޅު ނިޔަތެއްގައި ދުވަހަކު ވެސް މަސައްކަތް ކުރައްވާނެ ބޭފުޅުން ނޫންކަމަށް ވިދާޅުވެފަ އެވެ.

