ކްރޫޒްލައިނާތައް އައުން ހުއްޓުނު މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްވައިފި އެވެ.
މި މައްސަލަ ދިމާވީ މިދިޔަ ސަރުކާރުން ކްރޫޒްލައިނާތަކުން ރާއްޖޭގައި ދައްކަން ޖެހޭ ޕާމިޓް ދޫކުރާ މުއްދަތާއި، އެކަމަށް ދައްކަން ޖެހޭ ފީތަކަށް ބަދަލު ގެނައުމުގެ ސަބަބުންނެވެ.
އެ ބަދަލުގައި ވަނީ ޓޫރިސްޓު އުޅަނދުފަހަރުތައް ރާއްޖޭގެ ސަރަހައްދުގައި ދުއްވަން ވާނީ އަދި ބަނދަރު ކުރަން ވާނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ. އަދި އެ ހުއްދަ މޯލްޑިވްސް ކަސްޓަމްސްއިން އުޅަނދުތަކަށް އިންވާޑް ކްލިއަރެންސް ދޭވަގުތުން ފެށިގެން 84 ގަޑިއިރު ހަމަވުމުގެ ކުރިން ހޯދަން ވެސް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.
އުޅަނދުތަކަށް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭގައި ހޭދަކުރާނަމަ، އަދި އެ އުޅަނދެއް 20 މީޓަރަށް ވުރެ ދިގު ނަމަ ކްރޫސިން ޕާމިޓަށް ދައްކަން ޖެހޭނެކަމަށް ބުނާ އަދަދަކީ 1000 ޑޮލަރެވެ.
މީގެއިތުރުން އެ އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި ދުއްވައި، ބަނދަރުކޮށް ހަދާނަމަ ދުވާލަކަށް ދައްކަން ޖެހޭނީ ދުވާލަކަށް 100 ޑޮލަރެވެ.
މި ބަދަލުގެ ސަބަބުން ރާއްޖެއަށް އެއްފަހަރާ ގިނަ ފަތުރުވެރިން އަންނަ ކްރޫޒްލައިނާތައް އައުމަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ. އެކަން މީޑިއާތަކުން ކަވަރ ކުރުމުން މިއަދު މިނިސްޓަރ ފައިސަލް ވިދާޅުވީ ކްރޫސްލައިނާތަކާއި ގުޅޭގޮތުން މިދިޔަ ސަރުކާރުން ހަދާފައިވާ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އުންމީދަކީ ވީހާވެސް އަވަހަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބުން ކަމަށެވެ.
ކްރޫޒްލައިނާތަކުގެ ހަބަރުތައް މިއަދު މީޑިއާތަކުގައި ފެންމަތިވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން އެކަން ސަމާލުކަމަށް ގެނައުމުންނެވެ. އެގޮތުން މި މަހުގެ ކުރީކޮޅު އެ އެޖޭންސީން ވަނީ ކްރޫޒްލައިނާތަކާއި، ސުޕަޔޮޓްތަކުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާކަން ފާހަގަކޮށް ”ފްރެޑް އޮލްސަން ބޮލެޓް“ އައުމަށް ހަމަޖެހިފައިވާމަށް ބުނެފަ އެވެ.
އައު ގަވައިދުގެ ސަބަބުން އެ ދަތުރު އެހެން މިސްރާބަކަށް ޑައިވަޓު ކުރުމުން، އެކަމުގެ ކަންބޮޑުވުންފާޅުކޮށް މާޔާއިން ބުނީ 800 ފަސިންޖަރުންނާއި އެކު ރާއްޖެއަށް އައުމަށް ނިންމި ބޯޓު ކެންސަލްކޮށްފައިވާ ކަމަށެވެ.
މާޔާއިން މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރު އެ މައްސަލަ ހައްލު ކުރެއްވުމަށް ފެށި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

