މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ކުންފުނިތަކަށް ޖުމްލަ 22 މިލިއަން ރުފިޔާ ދީފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ވިދާޅުވީ މިސްކިތްތައް މަރާމާތުކޮށް، އާބާތުރަފިލުވުމާއި އައު މިސްކިތްތައް އެޅުމަކީ މި ސަރުކާރުން އެންމެ އިސްކަން ދޭނެ އެއް ވައުދުކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން މިސްކިތްތަކުގެ އެކި މަޝްރޫއުތައް ކުރިޔަށް ގެންދިޔަ ކުންފުނިތަކަށް ސަރުކާރުން 22 މިލިއަން ރުފިޔާގެ ބިލްތައް ދައްކާފާއިވާކަމަށް ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގެ މައިގަނޑު އަމާޒަކަށް ވާނީ ޝަހީމް ވިދާޅުވި ގޮތުގައި ވީހާވެސް އަވަހަށް މިސްކިތްތަކުގެ މަޝްރޫއުތައް ނިންމާލުމެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން ފައިސާ ނުދީ ހުރި އެހެން ކުންފުނިތަކުގެ ބިލުތައް ވެސް ވަރަށް އަވަހަށް ކްލިއާ ކުރައްވާނެކަމަށް ޝަހީމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމަށް ބަޖެޓުގައި 15 މިލިއަން ރުފިޔާ ހިމަނުއްވާފަ އެވެ.
މާލޭގެ މޭޔަރަކަށް ހުންނަވައިގެން ވެސް ރައީސް މުއިއްޒު ކުރެއްވި ފާހަގަކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ”ޗާލު މިސްކިތް“ ޕްރޮޖެކްޓު ފާހަގަކުރެވެ އެވެ. އަދި މިސްކިތްތަކުގެ ފާހަނާއާއި، ވުޟޫ ކުރެވޭނެ ގޮތް ހަމަޖައްސައި މިސްކިތްތަކުގެ ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށް ވެސް ބާރުއެޅުއްވި އެވެ.
މީގެއިތުރުން މަސްތުވާތަކެތި ބޭނުން ކުރާ މީހުން، މިސްކިތްތަކުގެ ތެރެއަށް ވަދެ މަސްތުވާތަކެތި ބޭނުން ކުރަމުން ދާތީ އެކަންތައް ހުއްޓުވުމުގެ ގޮތުން މިސްކިތްތަކުގައި ސީސީޓީވީ ކެމެރާތައް ވެސް ވަނީ ހަރުކޮށްފަ އެވެ.

