ތުރުކީވިލާތުން ރާއްޖެއަށް ދޭ ސްކޮލާޝިޕްގެ 30 ފުރުސަތަށް އެދި ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ”ޓާކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސް“ ގެ ރައީސް އަބްދުﷲ އެރެއާ އެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އެ ގައުމުން ދޭ ސްކޮލާޝިޕްގެ އަދަދު 30 އަށް އިތުރު ކުރުމަށް ވަނީ ނިންމަވާފަ އެވެ.
ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި މި ސްކޮލާޝިޕްގެ ދީފައި ވަނީ ޓެރޭނިން ނީޑްސް ލިސްޓުގައިވާ އެކި ދާއިރާތަކުން ބެޗްލާސް ޑިގްރީއާއި 10 މާސްޓާސް ޑިގްރީގެ އިތުރުން ފަސް ޑޮކްޓޯރަލް ޑިގްރީ އެވެ.
ކޯސްތަކުގެ މައުލޫމާތާއި އެކު އިއުލާނުގައި ޝަރުތުތައް ވެސް ހިމަނާފައިވެއެވެ. އަދި އެކަމުގެ މައުލޫމާތުތައް ލިބޭނެ ޓާކިއޭ ވެބްސައިޓް ލިންކު ހިމަނާފައި ވެއެވެ.
މި ސްކޮލަޝިޕްތަކަށް ނޮމިނޭޓްކުރުމުގައި ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައި ވަނީ ”ޓްރޭނިންގ ނީޑްސް“ ލިސްޓްގައި ހިމެނިފައިވާ ދާއިރާތަކުގެ ކޯސްތަކަށް އެދިފައިވާ ފަރާތްތަކަށެވެ. އަދި ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓު ދޭ ގޮތުގެ ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ.
މި އިއުލާނާއި ގުޅިގެން ކޯހަށް ހުށަހަޅާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ކޯހަކަށެވެ. ގެޒެޓުގައިވާ ގޮތުން މި ސްކޮލަޝިޕް ލިބޭ ފަރާތްތައް ޓަރކިޔޭ ބަސް ދަސްކުރުމަށް 1 އަހަރު ދުވަހުގެ ކޯހެއް ހަދަން ޖެހެއެވެ. އަދި ސްކޮލަޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައި ވަނީ ސްކޮލަޝިޕް ދެއްވާ ފަރާތުންނެވެ.
މިސްކޮލަޝިޕަށް އިއުލާނުކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ އަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެ ޖާގަތައް ކެންޑިޓޭޓުން އެޕްލައިކޮށްފައިވާ ލެވެލްތަކަށް، މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ކެންޑިޑޭޓުން ހޮވޭގޮތަށް ބަދަލު ކުރެވޭނެއެވެ.
މީގެއިތުރުން ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސާނެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސްކޮލަޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، 20 ފެބްރުވަރީ 2024 ގެ ކުރިން ޓަރކިޔޭ ސްކޮލަޝިޕްސްގެ އޮންލައިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ޓަރކިޔޭ ސްކޮލަރޝިޕްސްގެ އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލްސްކޮލަރޝިޕްސްގެ ވެބްސައިޓުގައި ބަޔާން ކޮށްފައިވާނެކަން ފާހަަގަކުރި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ފަހު ތައުލީމީ ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން އެ ބައްދަލުވުމުގައި، ތުރުކީވިލާތަކީ އަތްފޯރާ އަގެއްގެ ރަނގަޅު ފެންވަރުގެ މަތީ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވައި، ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިގޮތުން، އުނގެނުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނާ މުއާމަލާތްކުރާ މުދައްރިސުންނަށާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެކި ދާއިރާތަކުން ތަމްރީނުދިނުން މުހިންމުކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އާރތް ސައިންސްއާއި، މެޑިސިންއާއި، ޗައިލްޑް ކެއާރ އާއި، ތެރަޕީ، އަދި ރިހެބިލިޓޭޝަން ފަދަ މުހިންމު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

