އިގްތިސާދީ ހަބެއްގެ ގޮތުގައި، ފުށިދިއްގަރު ފަޅުގެ ޕޮރޮޖެކްޓު ކުރިޔަށް ގެންދިއުމުން ސޭފްއައިލެންޑް ކޮންސެޕްޓުގެ ދަށުން އިންވެސްޓުމެންޓުތައް ލިބޭނެކަމަށް ޑިފެންސް މިނިސްޓަރީގެ ސްޓޭޓް މުއާޒް ހަލީމް ވިދާޅުވެއްޖެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ފުށިދިއްގަރުފަޅު ހިއްކައި މެގަ ޕޮރޮޖެކްޓެއް ފެށުމެވެ. އެގޮތުން އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުނުނަމަވެސް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނީ ރަނގަޅު މައުލޫމާތުތަކެއް ނުދޭކަމަށް ބުނެ އެވެ.
ޕްރޮޖެކްޓާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރީގެ ސްޓޭޓް މުއާޒް ހަލީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުވެގެން ކަމަށެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޝަކުވާތަކަށް ނިމުމެއް ގެނައުމުގެ ގޮތުން، އެމަނިކުފާނު އެކުލަވާލެއްވީ ވަކި މެނިފެސްޓޯއެއްކަން މުއާޒު ފާހަގަކުރެއްވި އެވެ.
ކޮންމެ ވެރިއަކަށް ވެސް ފަސްއަހަރުގެ ދައުރެއް ލިބޭއިރު، މުއާޒު ވިދާޅުވީ އެހެން ވެރިކަންތަކުގައި ފެންނަނީ ޕްރޮޖެކްޓެއް ފެށޭއިރު ދައުރެއްގެ މެދާއިހަމައަށް ގޮސްފައިކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެއީ ކޮންމެ މަޝްރޫއުއެއް ނަމަވެސް، ދައުރު ހަމަވާން ކައިރިވުމުން ޕްރޮޖެކްޓު އަވަސް އަރުވާލުން ފަދަ ކަންކަން ހިނގައި ރައްޔިތުންގެ ޝަކުވާތައް ގިނަވާކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ހަގީގީ މާނައިގައި، އަޅުގަނޑުމެން މިކިޔާ ދިވެހިންގެ ރާއްޖެ ދިވެހިންނަށް… ހޯދަދިނުމަށް އެވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ވީ އެންމެ އަވަހަށް އެ ވައުދުތައް ފުއްދައިދީ.. ރައްޔިތުންނަށް ވާސިލުކުރެވޭނެ ގޮތްގޮތް ވިސްނައިގެން ރައީސް ޑރ. މުއިއްޒުގެ ޕްލޭންތައް ހައްދަވާފައި އޮތީ..
މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ، ޕްރޮޖެކްޓު އެއްކޮށް ނިމިގެންދާއިރު 65000 ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަގީން ކުރެވޭނެ ކަމަށެވެ. އެއީ ގޯއްޗާއި، ފްލެޓުތައް ހިމެނޭހެންކަމަށާއި، މިއީ ދުރުރާސްތާ ޕްލޭނަކަށްވާއިރު ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރެވޭނެ އެއްތަނަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މުއާޒު ވިދާޅުވީ އިގްތިސާދީ ހަބެއްގެ ގޮތުގައި، ސޭފްއައިލެންޑް ކޮންސެޕްޓުގެ ދަށުން އިންވެސްޓުމެންޓުތައް ލިބޭނެ ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެތައް އިންވެސްޓަރުންގެ ނަޒަރު މި ޕްރޮޖެކްޓަށް ހުއްޓި، ލިބޭނެ ފައިދާތަކެއް އެބަހުރިކަމަށް މުއާޒް ވިދާޅުވި އެވެ.
މި މަޝްރޫއު ހަވާލު ކުރީ، އަވަސް އަރުވާލައިގެންކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި މުއާޒް ވިދާޅުވީ ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިއްބަވާ ބައެއްގެ ފާޑުކިއުމާއި ނުރުހުމުގެ ބަސްތައް އަބަދުވެސް އަމާޒުވާނެ ކަމަށެވެ. އެކަމަކު ރައްޔިތުން ގޮތް ނިންމަންވީ އެފަދަ ބަސްތަކަށް ބަލައިތޯ ސުވާލު އުފައްދައި މުއާޒް ވިދާޅުވީ ބޯހިޔާވަހިކަމުގެ މިފަދަ ޕްރޮޖެކްޓަކުން ލިބޭނެ މަންފާއަކީ ކޮބައިކަން ރައްޔިތު މީހާ އަމިއްލައިން ވެސް ހޯދޭނެ ކަމަށެވެ.
ދިވެހިރާއްޖޭގައި މީގެ ކުރިން ކަންހިނގާފައި އޮތް ގޮތަކީ، ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއްގެ ވާހަކަ ވައުދެއްގެ ގޮތުގައި އޮތަސް ފުރަތަމަކަމަކަށް އެންމެ ފުރަތަމަ ބިން ހިއްކާނެ ފަރާތެއް ހޯދައިގެން.. އެތައް ދުވަހެއްގެ މަސައްކަތަށް ފަހު މޯބަލައިޒްކޮށް ބިންހިއްކާ ނިމޭއިރު ވެސް އޮންނަނީ ދައުރުގެ މެދަށް ގޮސްފަ.. ދައުރު ނިމޭއިރު މިވާގޮތަކީ ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު އެތަންތަނުގެ ތެރެއަށް ވެއްދިފައި ނޯވޭ.. ނޫނީ ކޮމްޕްލީޓް ޕްރޮޖެކްޓެއްގެ ގޮތުގައި ނޯވޭ
މުއާޒް ވިދާޅުވީ ރާއްޖޭގައި އިންތިހާބީ މަގާމަކަށް ވާދަކުރައްވާ ކޮންމެ މީހަކު ވެސް ވާ ވައުދަކީ ބޯހިޔާވަހިކަން ހައްލު ކުރުން ކަމަށެވެ. އެކަމަކު އެކަމުގެ އެދެވޭ ނަތީޖާއެއް ނެރެވުނުތޯ މުއާޒް ސުވާލު އުފެއްދި އެވެ.
މި ޕްރޮޖެކްޓު ކުރިޔަށް ގެންދާ ސީއެންސީއާއި ގުޅޭގޮތުން މުއާޒް ވިދާޅުވީ، އެ ކުންފުންޏާއި އެކު އެފިލިއޭޓެޑްކޮށް މަސައްކަތް ކުރަމުން ގެންދަނީ ބޮސްކާލިސްކަމަށެވެ. ދުނިޔޭގެ ނިސްބަތުން ވަރުގަދަ މި ކުންފުންޏަކީ ރާއްޖޭގައި ޕްރޮޖެކްޓުތަކެއް ކުރިޔަށް ގެންގޮސްފައިވާ އިތުބާރު ހުރި ކުންފުންޏެއްކަން މުއާޒް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓަށް ”ރަސްމާލެ“ ގެ ނަމުން ނަންދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.
ރައީސް ވިދާޅުވީ ގައުމީ އެންމެބޮޑެތި މައްސަލަތައް ފިޔަވައި އެމަނިކުފާނުގެ ސަރުކާރުގައި އެންމެބޮޑު އިސްކަމެއް ދެއްވާކަމަކީ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައި ޕްލޭންކޮށްގެން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ފުރުސަތުތައް ހުޅުވާލައްވައި މަސައްކޮށްދެއްވާނެކަމަށާއި އޭގެތެރޭގައި ރާއްޖޭގެ އުތުރާ ދެކުނުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ތަރައްގީ ކުރުމާއި އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަތް އާބަންސެންޓަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގެދޮރު އިމާރާތްކުރަން ލުއި ލޯނު ހަމަޖައްސައި ދިނުންފަދަ ލުއިފަސޭހަތައް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

