ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދަށް ތާވަލު ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިޔަށް ނުގެންދެވި ކެންސަލް ކުރަން ޖެހިއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މައްސަލައިގައި ކޮމިޓީން ރިޕޯޓު ފާސްކުރީ ގަވައިދާއި އެއްގޮތަށް ނޫންކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ފޮނުވާލާފައި ވަނީ މި މަހުގެ 18 ގަ އެވެ.
އެގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް އެހެން މެމްބަރުން ވެސް ތާއީދުކުރުމުންނެވެ.
އެހެންވެ އެކަމާއި ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމެއް މިއަދުގެ ހެނދުނު 09:00 ބޭއްވުމަށް ހަމަޖެހިފައިވާކަން މަޖިލިސް އިދާރާއިން ރޭ މީޑިއާތަކަށް އެންގި އެވެ. އެކަމަކު އެ ބައްދަލުވުން 09:30 ވުމާއި ގާތްވެފައި ވަނިކޮށް މަޖިލީހުން ވަނީ ކޮމިޓީ ކެންސަލް ކުރިކަން އަންގާ މެސެޖެއް ފޮނުވާފަ އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ، ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ނެތުމުގެ ސަބަބުންނެވެ.
އަނބުރާ ކޮމިޓީއަށް ފޮނުވާލި މި މައްސަލައަކީ ތަޅުމުގައި ވޯޓާއި ހަމައަށް ދިޔަ މައްސަލައެކެވެ. އެކަމަކު ކޮމިޓީގެ ރިޕޯޓު ފުރިހަމަ ނުވާތީ އެކަން ފާހަގަކޮށް ހިސާން ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ އެގޮތަށް އޮވެ، ވަޒީރުންނަށް ރުހުން ދޭން ވޯޓަށް އެހިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ނިޒާމީ ނުކުތާ ބަލައިގަތުމަށް ނިންމަވައި، ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން ރިޕޯޓު އެކުލަވާލާފައި ވަނީ މަޖިލީހުގެ ގަވައިދުގެ 200 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ނުވެ ކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ވިސްނުން ހުރީ، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށްކަމަށް ވެސް ވާހަކަދެކެވެ އެވެ. އެހެން ނަމަވެސް އެކަން އަދި ކަށަވަރުވާ ގޮތް ނުވެ އެވެ.

