ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއާއި ”ރަސްމާލެ“ ޕްރޮޖެކްޓުގެ ހުރި ތަފާތުތައް އަޅާކިއުމުން ރައްޔިތުންނަށް ފައިދާ ވަނީ ކޮން މަޝްރޫއުއަކުންކަން އެނގޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
”ރަސްމާލެ“ ގެ ނަމުން ނަންދީ، ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ފެށިއިރު މިއީ މާލޭގެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލުކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މާލެ ކައިރީގައި އެހެން ފަޅުތަކެއް ހުއްޓައި، ދުރުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކުމަކީ ގޯހެއްކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއާއި އެކު ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓާއި ރަސްމާލެ އަޅާކިއުމުން ރައްޔިތުންގެ މަންފާއަށް ވިސްނުން ގެންގުޅުއްވަނީ ކޮން ވެރިއެއްކަން ސާފުވާނެ ކަމަށެވެ.
ދެ ސަރުކާރުގެ ޕްރޮޖެކްޓުގެ ތަފާތުތަކުގެ ބައެއް މައުލޫމާތުތައް ހިމެނޭ، ޕޯސްޓެއް އާންމުކޮށް އަބްދުއްރަހީމް ވިދާޅުވީ ހުޅުމާލެއިން 66 ހެކްޓަރު، ތިލަފުށިން 9.6 ހެކްޓަރު އަދި ދިޔަނެރުފަޅުން 20 ހެކްޓަރު ރައީސް ސޯލޮހިހުގެ ސަރުކާރން ހިއްކި ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ފުށިދިއްގަރުން އެކަނިވެސް 1153 ހެކްޓަރު ހިއްކާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ކޮންޓްރެކްޓަރުންނަށް ދީފައިވާ ބިންތައް އަނބުރާ ގަނެވޭ ގޮތަށް މި ސަރުކާރުން ނުކުތާއެއް އެއްބަސްވުމުގައި ހިމަނާފައިވާއިރު، ރައީސް ސޯލިހުގެ އެއްބަސްވުންތަކުގައި އެފަދަ އެއްވެސް ވާހަކައެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިންހިއްކުމުގެ މަޝްރޫޢާ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ހިންގާ “ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާހުރީ ކޮން މަޝްރޫޢަކުން ކަން ވަރަށް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެ.ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު… pic.twitter.com/WCc0sjSMBi
— Abdul Raheem Abdulla (@Banafsaa) December 22, 2023
މި ސަރުކާރުން ވި އެއްބަސްވުމުގައި ވަނީ ކޮންޓްރެކްޓަރަށް ބިން ދޫކުރާ ހެކްޓަރަށް 14.43 ހެކްޓަރުގެ ބިން އާބަންކޯއަށް ލިބޭނެ ކަމަށެވެ. ކުރީގެ ސަރުކާރުން އެއްބަސްވީ 4.94 ހެކްޓަރުގެ ބިމަށެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.
މިކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. އެގޮތުން، 1153 ހެކްޓަރުގެ ބިން ނުވަތަ ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުއެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

