ހުސްވެފައިވާ ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އެ މަގާމަށް އައްޔަނު ކުރަން ފެންނަކަމަށް ޕޮލިސް ބޯޑުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދީފި އެވެ.
ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި، ޝުޖާއުގެ އިތުރުން ދެން ނަން ހުށަހެޅުއްވީ އެސިސޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
ސީޕީގެ މަގާމަށް ނެގޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންނަށެވެ. އެއަށް ފަހު ގާނޫނުގައި ވަނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް މަގާމަށް ގާބިލުކަން ވަޒަންކޮށް ސީޕީއަކު އައްޔަނު ކުރުމަށެވެ. އަދި ބޯޑުގެ ނިންމުން މިނިސްޓަރަށް ހުށަހެޅުމުން އެ ލަފައަށް ރިއާޔަތް ކުރުމަށް ފަހު ބޭފުޅަކު މަގާމަށް އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމިޝަނަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހަމީދެވެ. މިދިޔަ މަހުގެ 15 ގައި ފުލުހުންގެ ހިދުމަތުން ރިޓަޔާރ ކުރެއްވުމުން މިވަގުތު އެކްޓިން ކޮމިޝަނަރުގެ މަގާމު އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ.

