ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާށިވެ ކުރިޔަށް ގެންދެވޭ ގޮތް ނުވެ އަޒުލުކުރުމުގެ ވާހަކަތައް ވެސް ދެކެވޭ ވަގުތެއްގައި މެމްބަރުންނަށް ފައިސާ ބަހަމުންދާކަމަށް ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.
ވެރިކަމެއް ބަދަލުވެ، އައު ސަރުކާތެއް އުފެދުމާއި އެކު މެމްބަރުން ސިޔާސީ ޕާޓީތައް ބަދަލު ކުރުން އެއީ އާންމުކަމެކެވެ. އަދި ތަފާތު އެކި ތުހުމަތުތައް ވެސް މެމްބަރުންނަށް ކުރެވޭއިރު، މިރޭ އޮތް ޕީޕީއެމް – ޕީއެންސީގެ ޖަލްސާގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ހަ މެމްބަރަކު ސަރުކާރާއި ގުޅޭނެކަމަށް މައުލޫމާތު ލިބެ އެވެ. އެއީ ކޮން މެމްބަރުންނެއްކަން މިހާތަނަށް ކަށަވަރު ނުކުރެވުނު ނަމަވެސް ބައެއް މެމްބަރުންގެ ނަންތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ސިޔާސީ މަސައްކަތާއި ދުރަށް ޖެހުމަށްކަަމަށް ބުނެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު މެލޭޝިއާގައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ޝަރީފްގެ ދަރިކަނބަލުން މިޒްނާ އިބްރާހިމް ޝަރީފުގެ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ. އެކަމާއި ގުޅިގެން މިއަދު ސުވާލު ކުރުމުން، ޝަހީބް ވިދާޅުވީ އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ރާއްޖެ އެނބުރި އައުމަށް އެންގިކަމަށާއި އެކަމަކު ބައެއް މީހުންގެ މުއްދަތު އިތުރުކޮށްދިނީ އެ މީހުންނަކީ އެ ގައުމުގައި އާއިލާއާއި އެކު ދިރިއުޅެމުން އައިބައެއްކަމުން ބައެއް އިންތިޒާމުތައް ވެސް ހަމަޖައްސަން ޖެހޭތީ ކަމަށެވެ. އެގޮތުން އެ މީހުންގެ ދަރިން އެ ގައުމުތަކުގެ ސްކޫލުގައި ކިޔެވަމުންދާއިރު އާއިލާގެ އެހެން މެމްބަރުންތައް ވަޒީފާތައް އަދާކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، ރާއްޖެއަށް ބަދަލުވުމުގެ ކުރިން ހަމަޖައްސަން ޖެހޭ ކަންކަމަށް ވަގުތު ދިނުމުގެ ގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށާއި އަންނަ އަހަރުގެ ކުރީކޮޅަށް ބައެއް މީހުންނަށް ވަގުތު ދިނީކަމަށް ޝަހީބް ވިދާޅުވި އެވެ.
މި މައްސަލައާއި ގުޅޭ އަނެއްކަމަކީ މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުންކަމަށާއި، ޕީއެންސީއަށް ސޮއި ކުރާ މެމްބަރުން އެދޭ ބަޔަކަށް ސްޓޭޓް މިނިސްޓަރުކަން ދޭން ހުށަހެޅިކަމަށް ދެކެވޭ ވާހަކަތައްކަމަށް ނޫސްވެރިޔާ ފާހަގަކުރުމުން ޝަހީބް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ހުށަހަޅާފައިވާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ.
އެމްޑީޕީ ދޫކޮށް މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާއި ގުޅޭކަމަށް މީޑިއާތަކުން މަސްދަރުތަކާއި ހަވާލާދީ ރިޕޯޓު ކުރުމުން ރޭ ކުއްލި ގޮތަކަށް ޕާލިމަންޓު ގުރޫޕުގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެކަމަކު އެ ބައްދަލުވުމަށް ހާޒިރުވީ އެންމެ 16 މެމްބަރުންނެވެ.
ޕާޓީ ދޫކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

