އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރ އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަލަންޑަރ ނެރެދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާއެވެ.
އެމްއޭސީއެލްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކުރެވުނު މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ. 2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރެވުނު މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުމަށެވެ. އަދި މިކުދިންނަކީ ތަފާތުތަކާއި އެކު ވެސް މުޖްތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުން އެފަދަކުދިންނާއި މެދު ދެކޭގޮތް ރަނގަޅު ކުރުމެވެ.
”ހިތްހަމަޖެހުމާއި އުފާވެރިކަން“ މި މައުޟޫއުއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައި ވެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް 2024 ވަނަ އަހަރުގެ އެމް.އޭ.ސީ.އެލްގެ ކަލަންޑަރުގައި ހިމެނިގެންދިއުމަކީ އެހެން ހުރިހާ އަހަރުތަކަށްވުރެ 2024ގެ ކަލަންޑަރު ޚާއްސަވާ ސަބަބެއްކަމަށެވެ.
އަޅުގަނޑުމެންގެ މަޤްޞަދަކީ އެކުދިންނަށް އެކުދިންގެ ހުނަރާއި ޤާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން
2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ޚާއްސަކުރުމުގެ އިތުރުން، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިއްވަރުދީ ފުރުޞަތު ފަހިކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތައް ކުރެވެމުންނެވެ.

