އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ 100 ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރައްވާނެކަމަށާއި، ރައްޔިތުންގެ ހާލަތު ބެއްލެވުމަށް އެ ރަށްތަކަށް ވަޑައިގެން ކަންބޮޑުވުންތައް އަޑުއައްސަވާނެކަމަށް ވައުދުވަޑައިގެންފަ އެވެ.
ރައްޔިތުން ބޭނުންވި ބަދަލާއި އެއްގޮތަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ވަޑައިގަންނަވާނީ ވައުދާއި އެއްގޮތަށް ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިންސައްތައެއް ލިބުނު ތ. ގުރައިދޫއަށް ކަމަށެވެ. އެއަށް ފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ، ވީހާވެސް ގިނައިން ރައްޔިތުންނާއި ބައްދަލުކުރުމަށް ކަމަށެވެ.
ރިޔާސީ ކެމްޕެއިނަށް ލިބުނީ ދޮޅު މަހެއްހާ ދުވަސްކަމުން ރައީސް މުއިއްޒަށް ހުރިހާ ރަށްތަކަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެހެންވެ އެމަނިކުފާނު ވަނީ ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު އިންތިހާބު ކާމިޔާބުކޮށްދެއްވައިފި ނަމަ ކެމްޕެއިނަށް ވަޑައިނުގެންނެވުނު ރަށްތަކަށް ވެސް އިސްކަން ދެއްވައި ދަތުރު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ކެމްޕެއިނުގައި ރައީސް ދަތުރު ކުރެއްވި ރަށްތަކުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނުލިބުމާއި، ބަނދަރު އަދި މަގުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށްފައި ނެތުމެވެ. މިއީ ސަރުކާރެއްގެ ގޮތުގައި ރައްޔިތުންނަށް ކޮންމެހެން ވެސް ފުރިހަމަކޮށްދޭން ޖެހޭ ހިދުމަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ރަށްތަކަށް އެ ތަރައްގީ ގެންނަވާނެކަމަށް ވިދާޅުވެފަ އެވެ.

