އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ހިދުމަތްތައްފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ވުޒާރާގެ އައު ކޯލް ސެންޓަރެއް ގާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތައާރަފް ކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ވިދާޅުވީ އިދާރާގެ ހިދުމަތްތަކަށް އެދި ގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.
ކޯލް ސެންޓަރުގެ މިނަންބަރަކީ މިއިދާރާއިން މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާއީ ޚިދުމަތްތަކާއިގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެއްކަން ފާހަގަކޮށްލެވެއެވެ.
1421 އަދި 1412 އަކީ 24 ގަޑި އިރު ގުޅޭ ހެލްޕްލައިން ތަކަށް ވީނަމަވެސް 1433ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެކެވެ.
މިގޮތުން 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެއެވެ. އަދި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މައުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މި ބަދަލާއެކު ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރެވި، މިސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މައުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އަވަސްކަމާއި އިތުބާރާއި އެކު އެންމެ ފަސޭހަވާނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ އެ ވުޒާރާގެ އަމާޒެއްކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކުގެ ހައްލު ހޯދުމަކީވެސް ވުޒާރާގެ އަމާޒެކެވެ.

