ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރް ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި އައްސޭރި ޖަޖަލުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި އެކި ރަނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން، 20 އަހަރަށްވުރެއް ގިނަ ދުވަހު ހިދުމަތް ކުރި އޮފިސަރުންނަށާއި ހާޒިރީއަށް ރަނގަޅު އޮފިސަރުންނާއި ފިޒިކަލް ޓެސްޓްގައި ވަނަ ތައް ހޯދާފައިވާ އޮފިސަރުން ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޒަރީރް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ބުރަ، ދީނީ އަދި ގައުމީ މަސައްކަތެއްކަމަށާއި އެމްސީއެސްގެ އޮފިސަރުންނަކީ ތަމްރީނެއް ފުރިހަމަކޮށް، ގާނޫނީ ހުވައެއް ކޮށްގެން ތިބި އޮފިސަރުން ކަމަށެވެ.
ކޮމިޝަނަރ ފާހަގަކުރެއްވީ މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައްކަމެވެ. އަދި ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންކަމަށް ވިދާޅުވި އެވެ. ކޮމިޝަނާރ ވިދާޅުވީ އެ މީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމަޢަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް ކަމަށެވެ.
ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ ޖަލުގައި ތިބި ގައިދީންނާއި މަސައްކަތްކުރާ އޮފިސަރުން ގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅު ކުރުމަށް، ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް މަސައްކަތް ކުރައްވަމުން ދާނެކަމަށެވެ.
ގައުމުގައި ހުރި އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްޤީކޮށް، ތަޢުލީމީ ފުރުޞަތު ހޯދާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، ސީޕީ ފާހަގަކުރެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އެމްސީއެސްއިން ކުރާ މަސައްކަތްތައް ޢާންމުންނަށް ސާފުކޮށް ނޭނގޭ ކަމަށާއި ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވާ 100 އިން އެއް އޮފިސަރުގެ ސަބަބުން އެމްސީއެސްގެ މޫނުމަތި ހަޑިވެފައިވާ ކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޢަމަލުތައް ކުރުމާ ދުރުހެލިވެ، ހުވަޔާ އެއްގޮތަށް ސާބިތުކަންމަތީ ތިބުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

