ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްއަށް ދިން ހަމަލާގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ލ. ގަމަށް ނިސްބަތްވާ ފިރިހެނަކާއި، ރ. އަލިފުއްޓަށް ނިސްބަތްވާ 23 އަހަަރުގެ ޒުވާނެކެވެ. ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގުމާއި އަމަން އަމާންކަން ނަގާލިކަމުގެ ތުހުމަތު ދެ މީހުނަށްވެސް ކޮށްފައިވާއިރު، 22 އަހަރުގެ ޒުވާނާގެ މިބާވަތުގެ ކުށުގެ ރެކޯޑް އޮވެއެވެ.
މި ހަމަލާއާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި ހަމަލާގެ އަޑީގައި ހިމެނޭ ބަޔަކު ތިބެދާނެކަމަށް ލަފާ ކުރެވޭތީ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރެވެމުންކަމަށެވެ. މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޝަމީމަށް ދިން ހަމަލާގެ މަގްސަދު އަދި ދެނެގަނެވިފައި ނުވާކަމަށްވެސް ފުލުހުން ބުނިއެވެ.
ހަމަލާ ދިން ވަގުތު ސެކިއުރިޓީގެ ހިދުމަތް ހޯދައިފައި ނެތްކަމަށް ފާހަގަކޮށް ސީޕީ ޝުޖާއު ވިދާޅުވީ ތްރެޓް ލެވެލް އޮތް މިންވަރު ބަލާ، ދައުލަތުގެ އިސްވެރިންގެ ސެކިއުރިޓީ ވަރުގަދަ ކުރައްވާނެކަމަށެވެ.
ތްރެޓްއެއް ނެތްކަމުގައި ވީ ނަމަވެސް 24 ގަނޑިއިރު ދައުލަތުގެ އިސް ފަރާތްތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.
ޝަރީއަތުގައި ހިނގަމުންދިޔަ މައްސަލައަކާއި ގުޅިގެން، ޝަމީމަށް ނުރައްކާ އޮތްކަމަށް ފެންނާތީ މީގެ ކުރީގައި އެބޭފުޅާއަށް ސެކިއުރިޓީ ދިންކަމަށާއި، ނަމަވެސް މިހާރު އޮތީ ސެކިއުރިޓީ ކަނޑާލާފައިކަމަށް ސީޕީ ވިދާޅުވިއެވެ. ހަމަލާ ދިފައި މިވަނީ ސެކިއުރިޓީ މެދުކަނޑާލާފައިވަނިކޮށްކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދިނީ އިއްޔަގެ ހެދުނުގެ ވަގުތެއްގައި، ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުން ދާނެކަމަށް ފުލުހުން ބުނިއެވެ.
މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވާފައިވާކަން ފާހަގަކުރެވެއެވެ. އެއީ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި މައްސަލައެކެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރައިސް ކުރައްވައި ފޮނުވި ސިޓީގައި ވަނީ ޝަމީމަށް ދީފައި ވަނީ ނުރައްކާތެރި ހަމަލާއެއްކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގު ކުރޭތޯ އާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގި ނިންމާކަން ކަށަވަރު ކުރަން ޖެހޭކަމަށެވެ.
ހަސަންގެ މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ކޮމިޓީން، އެ ހަމަލާގެ ތަހުގީގު ކުރިޔަށް ދާގޮތް ގާތުން ބެލުމަށެވެ.

