ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 3 ސަބަބުގެ ތެރޭގައި ކެންސަރު ބަލި ހިމެނޭކަމަށް ހެލްތުޕްރެކްޝަން އެޖެންސީއިން ބުނެފިއެވެ.
ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ.
2024 ވަނަ އަހަރަށް ދުނިޔޭގެ ކެންސަރު ދުވަހަށް ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ފަރުވާގެ ފަރަގު ކުޑަކުރަމާ“ އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް މިބަލިން ރާއްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ކެންސަރު ބައްޔަކީ ހަށިގަނޑުގެ ބައެއް ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެއް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭގެ ބަޔާނުގައި ވަނީ ކެންސަރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނަކަމަށެވެ. އަދި މި ބައްޔަކީ ހަށިގަނޑުގެ އެކި ތަނތަނުގައި އުފެދިދާނެ ބައްޔެއްކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ. ކެންސަރުގެ ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށްވެސް ފޯރާ ފެތުރެއެވެ. އަދި މިބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދާނެ ކަމަށް އެ އެޖެންސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގެ ދެނަވައަށް އެންމެގިނައިން މީހުން މަރުވާ ސަބަބެވެ. ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވެއެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރުބަލި ޖެހި މަރުވާ މީހުންނެވެ. ކެންސަރު ޖަހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުންނެވެ. އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް ބަލީގެ ކުރީ ކޮޅުގައި ބަލި ދެގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވެއެވެ.
ކެންސަރު ބަލީގެ ރެޖިސްޓަރީ ގާއިމުކޮށް ”ނެޝަނަލް ރެޖިސްޓްރީ“ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރ ބަލި މީހުން މި ރެޖިސްޓްރީއަށް އަޅާ އަދާހަމަކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. މި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެނސްރުގެ ބާވަތްތަކުގެ ތެރޭގައި ބްރެސްޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރާއި، ތައިރޮއިޑް ކެންސަރުގެ އިތުރުން ޕްރޮސްޓޭޓް ކެންސަރު އިތުރުކަން އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

