އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިންތަކެއް ދިވެހި މަސް ދޯނިތަކަށް އަރައި ސުވާލު ކުރިއިރު މަސްވެރިންގެ މޫވަމަންޓުތަކުން މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވެފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ މަސް ދޯންޏަކަށް އަރައި ސުވާލުކޮށް، ސެޓްލައިޓު ނަމްބަރު ހޯދަން މަސައްކަތް ކުރި މައްސަލައިގައި ލިއުމުން އެކަމުގެ ތަފްސީލު ދޭން އެދުމުން ރަސްމީކޮށް ޖަވާބު ލިބިފައިވާކަން ސާފެއް ނޫނެވެ. މިދިޔަ މަހުގެ ފަހުކޮޅު ދިވެހި ތިން ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑު ޝިޕަކަށް ނިސްބަތް ވާ ދެ ބޯޑިން ޓިމަކުން އެރި މައްސަލައިގައި ގައުމީ ދިފާއީ ބާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ބޭރުގެ އަސްކަރީ ބަޔަކު ދިވެހި މަސްދޯނިތަކަށް އަރައި، ސުވާލުކޮށް ބިރުދެއްކިކަމަށް ބުނާ މައްސަލައެއް ފެންމަތިވީއިރު މީކާއިލް ސުވާލު ކުރީ އެކަން ކުރީ ސީދާ ކޮން ގައުމެއްގެ ސިފައިންތަކެއްކަން ކަށަވަރު ކުރެވިފައި ވޭތޯ އެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރާ ދޯނިފަހަރުތަކަށް މިފަދަ އިތުރު ހާދިސާއެއް ކުރިމަތިލާން ނުޖެހޭނެކަން ނުވަތަ ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކޮށްދޭން މީކާއިލް ހުށަހެޅި އެވެ.
ޖަވާބުގައި ޝިޔާމް ވިދާޅުވީ މަސް ދޯނިތަކަށް އަރައި ސުވާލު ކުރިކަމުގެ ރިޕޯޓު ލިބުމާއި އެކު ކަމާ ގުޅުން ހުރިހާ އިދާރާއަކުން ވެސް ކަން ހިނގި ގޮތް ދެނެގަތުމަށް މަސައްކަތް ފެށި ކަމަށެވެ. އަދި ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިންކަމަށް ޝިޔާމް ވިދާޅުވި އެވެ.
މި މައްސަލަ ބެލުމުގެ ގޮތުން މަސް ދޯނިތަކުން އެ ހާދިސާ ހިނގުމާ ހަމައަށް ދިޔަ 30 ދުވަހުގެ ތެރޭގައި ދަތުރުތައް ކުރި ގޮތް ބެލިއިރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރަކަށް އެ ދޯނިތައް ބޭރުވެފައި ނުވާކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ތިން ދޯނި ވެސް ހަރަކާތްތެރިވަމުންދިޔަ ވަގުތެއްގައި.. އަދި އަޅުގަނޑުމެން ވީއެލްޑީ ނޫނިއްޔާމު ވެސެލް މޮނީޓަރިން ސިސްޓަމުން ބަލާއިރުގަ އަޅުގަނޑުމެން ފާއިތުވި އެއް މަސް ދުވަހުގެ މޫވްމަންޓު އަޅުގަނޑުމެން ބެލިއިރުގަ މި ދޯނިތަކުގެ މޫވަމަންޓު މިހުރީ ސީދާ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކުގެ ތެރޭގައި.
ޝިޔާމް ވިދާޅުވީ ދޯނިތަކަށް އެރީ އިންޑިއާގެ ސިފައިންކަމަށާއި، ކުއްލި ގޮަތަކަށް ދިމާވި ކަންތަކެއްގެ ސަބަބުން ފަޅުވެރިންނަށް ނަފްސާނީ ގޮތުން އުނދަގޫތައް ދިމާވި ކަމަށެވެ.
ތި ވިދާޅުވިހެން އިންޑިއާގެ ސިފައިންތަކެއް މި ތިން ބޯޓަށް ވެސް އޮންބޯޑުވެގެން ކަންކަން ހިންގީ.. އޭގެ ތެރެއިން އެއް ދޯނިން ކެޔޮޅާއި އަދި ފަޅުވެރިންނާ ވެސް އަޅުގަނޑުމެން ބައްދަލު ކުރިން.. ތި ވިދާޅުވިހެން ނަފްސާނީ އުނދަގޫކަމެއްގެ ތެރޭގައި ތިބީ.. އެމްއެންޑީއެފުން ވަގުތުން އެޓެންޑު ކުރި މިކަމަށް..
ދޯނިތަކަށް އަރައި އިންޑިއާގެ ކޯސްޓުގާޑުން ސުވާލު ކުރީ ރާއްޖޭގެ ސަރަހައްދުންކަމަށް އަޑުތައް ފެތުރި ނަމަވެސް ރަސްމީކޮށް ޑިފެންސް މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ވެސް ވަނީ ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކާ އަސްކަރިއްޔާގެ ބަޔަކު އަރައި ސުވާލު ކުރިކަމަށް ރިޕޯޓު ލިބުނީ މަސް ދޯންޏެއްގެ ފަރާތުން ކަމަށެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ، ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް މަޝްވަރާތައް ވެސް ކުރެވެމުން ދަނިކޮށެވެ. އަދި ސިފައިން ބޯޓުތަކަށް އެެރީ ކޯ ގުރޫޕުގެ ބައްދަލުވުން އޭގެ އެއް ދުވަސް ފަހުން ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

