ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަދި ނައިބު ރައީސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރަނީ!

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު/ ފޮޓޯ: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭ ގޮތަށް ގަވައިދު ބަދަލު ކުރުމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތަކާއި ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލަށް އިސްލާހު ގެނައުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އަމަލު ކުރަމުންދަނީ ވަރަށް ކުރީގެ ގާނޫނަކަށްކަމަށެވެ.

ސަލީމް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ކަންކަން އިތުރަށް ތަފްސީލު ކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ހިމަނައިގެން ކުރިޔަށް ގެންދިއުމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ރޫހުކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ.

ސަލީމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 73 ވަނަ މާއްދާއިން 80 ވަނަ މާއްދާއާއި ހަމައަށް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ވަޒީރުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތައް އިތުރަށް އިސްލާހުކޮށް ރަނގަޅު ކުރުމަށް ބޭނުންވާނަމަ މެމްމަބަރުންނަށް ފުޅާ ދާއިރާއެއްގެ ތެރެއިން އެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވަނީ ރައްޔިތުންގެ މަޖިލީހުންކަމަށާއި އެހެން ނަމަވެސް އެކަން އޮތީ ވަރަށް ބޮޑަށް ހަނިގޮތަކަށް ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި މި އޮންނަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު.. ވަޒީރުންގެ މަޖިލިސް އެކުލެވިގެން ވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން… ވަޒީރުންގެ މަޖިލިސްގެ އެންމެ އިސް ދެބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް.. އޭގެއިތުރުން ގާނޫނުއަސާސީގައި މި ބުނަނީ ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލުއްތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މީހަކާ ކުރެވޭ ސުވާލަށް ތެދުބަހުން ޖަވާބުދޭން ވާނެއޭ..

ސަލީމް ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ރައީސްއާއި، ނައިބު ރައީސް ވެސް މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ވެރިން ވެސް މަޖިލީހަށް ހާޒިރުވާން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހަމައެކަނި ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އެ މަސްއޫލިއްޔަތު މަތިކޮށްފައި އޮތުމުގެ ސަބަބުން ޖަވާބުދާރީ ކުރުވަން ޖެހޭ އެންމެ ފުރިހަމަ މާނައިގައި އެކަން ނުކުރެވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބުދާރީވާން ޖެހޭނެ ހާލަތްތައް ބަޔާންކޮށްފައި އެބަހުރި.. އެހެން ނަމަވެސް އެކަމާ ގުޅޭ އިޖުރާއަތުތަކެއް ނެތުމުން އެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް ނެތް…

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބާ ސުވާލުކޮށް ޖަވާބުދާރީ ކުރެވޭ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް ގަވައިދުއި ހިމަނައި އެ މަގުން މަސައްކަތް ކުރުމަކީ މަސްއޫލިއްޔަތު މަޖިލީހަށް ރަނގަޅަށް އަދާކުރެވޭނެ ސަބަބެއްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: