ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިން، ސަރުކާރަށް؛ ”އަޅުގަނޑު ރަށްތަކަށް ދަތުރުކޮށް، ޓީވީ އިންޓަވިއުއެއް ދީގެން ރައްޔިތުން ޝަކުވާއެއް ނުކުރާނެ“!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަންގު - މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ގާތަށް ގޮސް ބައްދަލުވުންތައް ބާއްވައި މީޑިއާތަކުން ކުރަން ބޭނުންވާ ސުވާލުތައް ހުރުމުން ޓީވީ ސްޓޭޝަންތަކަށް ގޮސް އެމަނިކުފާނު ޖަވާބު ދިނުމުން އެކަމާ ރައްޔިތުން ނުރުހުންވެ ޝަކުވާ ކުރާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީންގެ މައްޗަށް ކުރިޔަށް ގެންދާ ކްރިމިނަލް ކޯޓުގެ ޝަރީއަތައް ވެސް މަޑުޖެހުނުތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. އޭގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ފުރުސަތު ގެއްލުނުއިރު ފަހުވަގުތާ ޖެހެން ދެން ޕީޕީއެމް/ޕީއެންސީ ބުނަމުން އައީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އެކަމަކު ޝަރުތުތައް ފުރިހަމަ ނުވާތީ ކެންޑިޑެސީ ބަލައިގަނެވެގެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން ރަައީސް ޑރ. މުހައްމަދު މުއިއްޒު ފޯމު ހުށަހެޅީ އެވެ.

އެމަނިކުފާނުގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ ރައީސް ޔާމީން މިނިވަން ކުރުން ނަމަވެސް، ސަރުކާރުން މިހާރު ބުނަނީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުވަތަ ބާރެއް ނުފޯރުވާނެ ކަމަށާއި ކޯޓުތަކުގައި ހުރި މައްސަލަތައް އިންސާފުވެރިކަމާއި އެކު ނިންމަވާނީ ފަނޑިޔާރުން ކަމަށެވެ. އެކަމަށް ޕީއެންއެފްގެ އޮފީހުގެ ޖަލްސާތަކުގައި ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރައީސް މުއިއްޒު ތަކުރާރުކޮށް އެ ވާހަކަތައް ދައްކަވަނީ، ސަބަބުތަކެއް އޮވެގެންނެވެ. އަދި އެއީ ރައްޔިތުންނަށް ދޭ މެސެޖެއްކަމަށާއި، އެއް ވާހަކައެއް ގިނައިން ދެއްކުމަކީ އެއީ އެފަދަ އަމަލެއް ހިންގަވާކަމުގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިމި ހުކުމަކާ ހަމައަށް ދެވުނުތާ ވެސް އެތައް ދުވަހެއްވީއިރު އަދިވެސް މައްސަލަ ކޮޅެއްގައި ޖެހިފައި ނުވާތީ ކަންބޮޑުވާކަމަށެވެ. މިދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ އެތައް ހައްގެއް ގެއްލިގެން ދިޔައިރު އަދިވެސް ހުންނެވީ މީޑިއާތަކުގެ ހުރި އެތައް ސުވާލަކަށް ޖަވާބު ދެވޭ ހާލަތެއްގައި ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަމަށް ޖާގަނެތީ މައްސަލަ ކޯޓުގައި އޮތުމުންކަމަށާއި، އެހެންކަމުން މީޑިއާތަކާއި އާންމު ރައްޔިތުންގެ ކުރިމައްޗަށް ބައްދަލުވުންތަކަށް ހާމަކަން ބޮޑު ގޮތަކަށް ދެވެން ނެތުމަކީ ގާނޫނުތައް ވެސް އޮތް ގޮތްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މިއީ އެމަނިކުފާނު ވެސް ހިމެނޭހެން އެތައް ރައްޔިތުންތަކެއް ގެނައި ސަރުކާރެއްކަމަށާއި އެހެންކަމުން ލުއިތަކެއް ނުދެވެން ވީ ސަބަބެއް ނުވިސްނޭ ކަމަށެވެ. ހާއްސަކޮށް ޕޯޑިއަމެއްގައި ވާހަކަ ދައްކައިގެން ނުވަތަ ނޫސްވެރިންނާއި ބައްދަލުކޮށް ސުވާލުތަކަށް ޖަވާބު ދިނުމުން ރައްޔިތުން އެކަމާ އެހާ ނުރުހުންވެ، ކުށްވެރިކޮށްފާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިހާރު މިއޮތީ އަޅުގަނޑުމެން ގެނައި ސަރުކާރެއް، އެހާ ބޮޑު ގާނޫނީ ހުރަހެއް އޮވެގެން ނޫނީ އެހާ ބޮޑަށް ރައްޔިތުން ކުށްވެރި ކުރާތަނަކަށް ވާނެތޯ އަޅުގަނޑު ޓީވީ އިންޓަވިއުތައް ދިނުމާއި މި ޕޯޑިއަމްތަކުގައި ވާހަކަ ދެއްކުމާއި މިކަހަލަ ކަންކަން ކުރުމަށް އަދި ތަންތަނަށް ދަތުރު ކުރުމަށް.. މިކަންކަން ކުރުމަށް އަޅުގަނޑަށް މިނިވަންކަން ދިނުމަކީ މި ސަރުކާރަށް ކުރުމަށް މިހާ ދަތިވެގެން އުޅެން ޖެހޭކަމެއްތޯ

ޕީޕީއެމް/ޕީއެންސީގެ އޮފީސް ހުރަފާ އިމާރާތުން ބަދަލުވެ ޕީއެންއެފްގެ މަސައްކަތްތައް ފަށައިގަތް އިރު ޕީޕީއެމްގެ އިދާރީ ހަރަކާތްތައް ބެލިއިރު އިންތިޒާމުތައް ހުރީ ވަރަށް ގޯސްކޮށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން ސެކޭޓްރީ ޖެނެރަލްއެއް ނެތުމާއި، ސެކޭޓްރީ ޖެނެރަލްއެއް ކުރަން ޖެހޭ މަސައްކަތް ކުރެވިފައި ނެތްކަމަށް ވިދާޅުވި އެވެ.

ޕާޓީގެ އެތެރޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށް ދޭން ބޭނުންވާކަމަށް ތަކުރާރު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ވާހަކަ ދައްކަން އުނދަގޫ ވެގެން އުޅެނީ ބަންދަށް ލުޔެއް ނުލިބޭތީ ކަމަށެވެ. އަދި އެމަނިކުފާނަށް ވާހަކަ ނުދެއްކޭ ގޮތަށް ”އަނގަ މަތީ މަލަން އަޅައި ބަންދުކޮށްފައި“ ވާކަމަށް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ބާއްވާ ސަރުކާރުގެ ޖަލްސާތަކުގައި، ބައެއް ބޭފުޅުން ނުސީދާ ގޮތެއްގައި ރައީސް ޔާމީން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަ އެވެ. އަދި އެބޭފުޅުން ސަރުކާރާއި އެކު ދެމިތިބީ ގައުމު އިސްކޮށްގެންކަމަށާއި، މީގެ ކުރިން ވެސް މިއަދު ވެސް ތާއީދު ކުރަނީ ވަކި ފިކުރަކަށްވުމުގެ ބަދަލުގައި ގައުމީ ފިކުރަށްކަމަށް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: