ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިއްކި ދޮގުތަކާއި އެކު މިހާރު މި ސަރުކާރުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުދުމުހުތާރުކަމުގެ ސިފަތައް ވެސް ޖެހިފައިވާކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދޮގު ދޮލަނގުގެ ނަމުގައި މިރޭ އެމްޑީޕީން ކުރިޔަށް ގެންދިޔަ ޖަލްސާގައި، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވިއްކި އެއްވެސް އަސްލެއް ނެތް ވާހަކަތައް ބާވެ ފުޅަ އެޅުމުގެ ކުރިން އެ ހުރިހާކަމެއްގެ ތެދު ރައްޔިތުންނަށް ސާފުކޮށްދޭނީ އެމްޑީޕީ ކަމަށެވެ. ސަރުކާރުގެ މިވީ ތިން މަހުގެ ތެރޭގައި، ހިނގާފައިވާ ކަންތަކަށް ބަލާއިރު މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއަށް ލިބޭ ހާލަތެއްގައި ރައްޔިތުންނަށް އެތައް ނިކަމެތިކަމެއް ލިބިގެންދާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެ ބާރުގެ ބޭނުން ކުރާނެ ގޮތުގެ ކުޑަ ތަސައްވުރެއް މިވީ މަދު ދުވަސްތަކުގެ ތެރޭގައި ކުރެވުނުއިރު ކޮންމެހެން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އަނެއްކާވެސް ލިބެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ ތެރޭގައި އޮތީ ހަމައެކަނި، ދޮގު ހެދުމާއި އޮޅުވާލުން ނުވަތަ މަކަރުވެރިކަން އެކަނި ނޫންކަމަށާއި އިންތިހާ ދަރަޖައަށް ހުދުމުހުތާރުކަން ގޮސްފައިވާކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ވާދަކުރައްވައި، 2023 ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ވެސް ފެށީ އެމްޑީޕީން ގެނައި ޑިމޮކްރަސީގެ ނިޒާމު ފުނޑާލުމަށް ކަމަށެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް އެތަކެއް ހައްގުތައް ކަށަވަރުކޮށްދިން ނަމަވެސް ރައީސް ސޯލިހު ތުހުމަތު ކުރެއްވި ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާ މަންޒަރު ފެންނާނެ އެވެ.
”ދިޔަވަރު.ކޮމް“ އާއި ”ކުރުސީ.ކޮމް“ ގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބްލޮކްކޮށް ހިނގި ބޮޑު މައްސަލަގަނޑަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ގޮތް ދޫކުރަން ޖެހުނީ ޕްރެޝަރަށް ކެތް ނުވެގެން ކަމަށެވެ. އެކަމަކު ބޮޑު މެޖޯރިޓީއަކާއި އެކު ސަރުކާރު ހިންގަން ފުރުސަތު ލިބޭ ހާލަތެއްގައި އެ ހާދިސާ އަނެއްކާވެސް ތަކުރާރުވެ އިތުރު މީޑިއާތަކަށް ފިޔަވަޅު އަޅައި ބްލޮކްކޮށް ބަންދު ކުރާނެކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެނިވަޑައިގަންނަވާނެ، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރަން ފެއްޓިކަމަކީ.. މި ޑިމޮކްރެޓިކް ނިޒާމު ފައްކާވެފައި މިއޮތް ނިޒާމު ހަލާކުކޮށްލުން.. ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކޮށްލުމުގެ މަސައްކަތް.. ދޮގު ހެދުމާއި އޮޅުވާލުމުގެ އިތުރަށް ގާނޫނުއަސާސީން އަޅުގަނޑުމެންނަށް ދީފައިވާ ހައްގުތައް ހިފެހެއްޓުން ވެސް.. އެންމެ ފުރަތަމަ ކަމަކަށް ކުރިމަކަކީ ނޫސްވެރިކަން ހުއްޓުވުން.. އެތައް ސައިޓެއް ހުއްޓުވި.. އެކަމަކު ޕްރެޝަރާ ހެދި ޖެހުނީ ދޫކޮށްލަން.. މިއީ ހަމަ ދާއިމީ ކަމެއް.. އަޅުގަނޑުމެންނަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާވެސް އެނބުރި އެ ހުރިހާ ނޫހެއް، ހުރިހާ ނޫހެއް، ހުރިހާ މީޑިއާއެއް ބަންދު ކުރާނެ ކުރާނެ..
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ދޭންވީ ސަބަބުތަކަކީ މިއީކަމަށާއި، ރައްޔިތުން ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލުމުގެ ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. ސުޕަ މެޖޯރިޓީއަކާއި އެކު 19 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި މެމްބަރުން އިންތިހާބުވެގެން އައިއިރު އެ ގޮނޑި އެބޭފުޅުންނަށް ކާމިޔާބުކޮށްދޭން ޕާޓީން އެތައް މަސައްކަތެއް ކުރިކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެކަމަކު މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ޕާޓީގެ 13 މެމްބަރެއް ”ފެން ބޯހާ“ ފަސޭހައިން ވެރިކަން ކުރާ ޕާޓީއަށް ގެންދިޔައީ އޭގެ ފަހަތުގައި ކަންތަކެއް ހިނގުމަށް ފަހުކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
މިއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން ނޫން، އިތުރު ކޮންކަމެއް ތޯ ސުވާލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރަށް ދެން ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އެހެންވީމާ މި ސަބަބަށް މެޖޯރިޓީ އަޅުގަނޑުމެން ބޭނުން ދެވަނަކަމަކަށް ކުރިކަމަކީ ކުރިކަމަކީ މަޖިލީހުގެ ބާރުކަނޑުވާލުން.. ޑިމޮކްރަސީއެއްގައި ރައްޔިތުން މަޖިލީހަކީ ރައްޔިތުންގެ އަޑު.. އެތަނުގެ އަގު ވައްޓާލައި ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުން.. އެގޮތުން ފުރަތަމަ މިކުރިކަމަކީ، އެތައް ބުރަ މަސައްކަތުން ހޮވާފައި ތިބި މެމްބަރުންތަކެއް.. އެމްޑީޕީން ހޮވާފައި ތިބި މެމްބަރުންތަކެއް ކުރިކަމެއްކޮށްގެން.. ގެންދިޔައީ.. ފެންފޮދެއް ބޯލާހެން.. ދިރުވާލައިފި..
މިއީ މަޖިލިސް މެމްބަރުންގެ އަގު ވައްޓާލުންކަމަށް ސިފަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މަޖިލީހުގެ ބާރުތައް ކަނޑުވާލަން ސަރުކާރުން އެތައް މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.
ރައީސް ސޯލިހު ވަނީ އިންތިހާބު ފަސް ކުރުމުގެ ބިލު ތަސްދީގު ނުކުރައްވައި ހިފެހެއްޓެވި މައްސަލައަށް ވެސް ފާޑުވިދާޅުވެފަ އެވެ.

