ފައިސާ ޗާޕު ކުރުން ހުއްޓާލުން އެއީ އެޅި، އެންމެ ރަނގަޅު ފިޔަވަޅުކަމަށާއި ކުރީގެ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް ކުރިޔަށް ދިޔަނަމަ ރާއްޖެ ބަނގުރޫޓުވީސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ދ. މީދޫގެ ޖަލްސާގައި ރައީސް ވަނީ އަނެއްކާވެސް އިގްތިސާދީ ހާލަތުގެ ވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވާރުތަވެގެން އައި 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏަކާއި އެކު ދިމާވި އެތައް ދަތިތަކެއް ހުރިކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެތެރޭގެ ދަރަނި އެކަނިވެސް 09 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ސަރުކާރުން މިހާރު ވެސް ދަނީ، ކުރިޔަށް އޮތް އަހަރުތަކުގައި އަނބުރާ ދައްކަން ޖެހޭ ލޯނުތަކަށް ވާން ޖެހޭ ތައްޔާރީތައް ވަމުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުމަށް އަބަދުވެސް ދެކޮޅު ހެއްދެވިކަމަށާއި، އެ ގޯސް އާދަ މި ސަރުކާރުން ހުއްޓާލީ ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާ ނުލި ނަމަ ގައުމު ބަނގުރޫޓުވީސް ކަމަށެވެ.
އިންފްލޭޝަން އުފުލި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ފުރުސަތު އޭގެ ސަބަބުން އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ނޫން ނަމަ ދިވެހި ރުފިޔާގެ އަގު ދަށްވަމުން ގޮސް ނުކަތާ ހިސާބަށް ދިޔައީސް ކަމަށެވެ.
ޑޮލަރުގެ އަގު އެތައް ގުނައަކުން އުފުލި، އިގްތިސާދު އެއްކޮށް ހަލާކުވީސްކަމަށް ރައީސް ވިދާޅުވި އެވެ.
ވަރަށް ފަސޭހަވީސް ފައިސާ ޗާޕުކޮށްލިނަމަ.. އެކަމަކު އެކަމެއް ނުކުރަން އަޅުގަނޑުމެންނެއް.. އެއީ ދިވެހި ރައްޔިތުންނަށްޓަކައި..
އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ފެނި، އޭގެ އަސަރު ފެންނަން ފަށާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

