ރާއްޖެއަށް އަލަށް ގެނެސްފައިވާ މިލިޓަރީ ޑްރޯންތަކަކީ ކުއްލި ހާލަތުގައި ދިފާއީ ހަރަކާތްތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ އަލިފާނުގެ ބާރު ހުރި ހަތިޔާރެއްކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޑްރޯން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ޣައްސާން ވިދާޅުވީ، ޒަމާނާއި ހާލަތު އަދި ގައުމުވެސް ބަދަލުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ހަނގުރާމަތައް ކުރެވެމުންދާ އުސޫލުތަކަށްވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށެވެ. ޣައްސާން ވިދާޅުވީ، ދިފާއީ އަސްކަރުތަކުގެ ދައުރުތައްވެސް ބަދަލުވެފައިވާކަމަށާއި މިވަގުތު ރާއްޖޭގެ ދިފާއީ ބާރުގެ ދައުރު އޮތީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އޭގެ ފުރަމާނަ ދޭހަވާ ގޮތަށް ހިމާޔަތްކުރުމަށް ކުއްލި ހާލަތްތަކުގައި ރައްޔިތުންނާއި ގާތުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުންކަމަށް ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކަނޑުމަތީގައި ގެއްލޭ މީހުން ހޯދައި އަނބުރާ ވަޒަނަށް ގެނައުމަކީ މިހާރުވެސް ދިވެހި ސިފައިން ފަހުރުވެރިކަމާއިއެކު ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. ޣައްސާން ވިދާޅުވީ، ހަނގުރާމަތައް ކުރެވެމުންދާ އުސޫލުތައް ބަދަލުވެ އަދުގެ ދުނިޔޭގައި އެކަން ކުރަމުންދަނީ ވަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެންކަން ފާހަގަކުރެވޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެކަން ކުރަމުންދަނީ ލަޝްކަރީންގެ ފުރާނަ ނުރައްކަލަށް ހުށައެޅޭ މިންގަނޑު މަދުކުރެވޭ ގޮތްތަކުގެ މަތިންކަމަށެވެ. އަދި މިހާރު އޮތީ ދިވެހި ސިފައިން ރައްކައުތެރިކަންމަތީ ތިބެގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއްކަމަށްވެސް ހިއްސާކުރިއެވެ.
މިނިސްޓަރ ވިދާޅުވީ، އަލަށް އިފްތިތާހުކޮށްފައިވަނީ ދުނިޔޭގައި ބޭނުންކުރަމުންދާ އެންމެ ފަހުގެ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ ޕްލެޓުފޯމެއްކަމަށެވެ. އަދި ސާޗް އެންޑް ސަވޭލެންސް މަސައްކަތްތައް ކުރި ނަމަވެސް ދިމާވާ ހާލަތެއްގެ ގޮތުން ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ޑިފެންސިވް މެނޫވާޒްވެސް ކުރެވޭނެ އަލިފާނުގެ ބާރު ހުރި ހަތިޔާރެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެއް ގައުމުން އަނެއް ގައުމު ފަތަހަކުރުން ފަދަ ކަންކަން މަދުވެފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު އެ ފަދަ ގައުމުތަކުން އެހެނިހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތަކަށް ނުފޫޒުފޯރުވާކަމަށާއި މިވަގުތު މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ހިމާޔަތުގައި ދެވަނަ ތެދުވުމަކުން ތެދުވާންޖެހިފަިއވާ ވަގުތުކަމަށްވެސް ވިދާޅުވިއެވެ.

