ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގެ މަރުގެ ހުކުމް އިއްވާފައިވާ އަދުހަމް މުހައްމަދުގެ ހުކުމް މުރާޖައާ ކުރުމަށް މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
ކުށް ސާބިތުވެ، ކުށްވެރިޔާއަށް މަރުގެ ހުކުމް އިއްވުމުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އަމިއްލަ އިސްނެގުމަށް މަތީ މަރުހަލާގެ ކޯޓުތަކަށް އެ މައްސަލަ ހުށަހަޅަން ޖެހޭނެ އެވެ. އެއީ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ތިން މަރުހަލާގައި ވެސް އެ ހުކުމް ބަލައި ނިހާއީވުމުންނެވެ.
ހައިކޯޓުގެ ރެޖިސްޓްރީ ދައްކާ ގޮތުން، ކްރިމިނަލް ކޯޓުގެ ހުކުމް މުރާޖައާ ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ 05 ވަނަ ދުވަހު އެވެ.
އަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނުނީ 2019، ޑިސެމްބަރު 4 ވަނަ ދުވަހުގެ ރޭ އެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައި އޮއްވައި ގާސިމް ފެނިފައި ވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސް މަގުންނެވެ.
ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި އަދުހަމް އޭރު ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ އަޑުއެހުމުގައި ވެސް ކުށް އިއުތިރާފުވެ ކަން ހިނގައިދިޔަ ގޮތް ކިޔައިދިނެވެ. ނޫސްވެރިން ވެސް ހާޒިރުވެ ތިބި އެ އަޑުއެހުމުގައި އަދުހަމް، ގާސިމްގެ އާއިލާގެ މެމްބަރުންގެ ކިބައިން މައާފަށް އެދުނެވެ. އަދި ރޮމުން ކުށަށް ތަކުރާރުކޮށް އިއުތިރާފުވެ އެދުނީ އަދަބު ލުއިކޮށްދޭންށެވެ.
އެހެން ނަމަވެސް އަވަސް ނިޔާގެ ދަށުން ޖެހިގެން އައި ދުވަހު ހުކުމް އިއްވުން ތާވަލު ކުރުމުން އެ އަޑުއެހުމުގައި އެނާ ކުށަށް އިންކާރު ކުރި އެވެ. އަދި ބުނީ ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ މަސްތުގައި ބެހެއްޓުމަށް ފަހު ކަމަށެވެ. އަލުން މައްސަލައިގެ އިބްތިދާއީ މަރުހަލާ ފަށައި ކުރިޔަށް ގެންދަނިކޮށް އަނެއްކާ ވެސް ކުށަށް 2021 ވަނަ އަހަރު އޭނާ އިއުތިރާފުވި އެވެ. އެކަމަކު އޭގެ ކުރިން އެކުލަވާލި އިއުތިރާފު އެއްބަސްވުމާއި ހިލާފުވުމުން، އޭނާއަށް އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ދޭން ދައުލަތުން ދެކޮޅު ހެދި އެވެ.
އަދުހަމް ބުނާ ގޮތުގައި އޭނާ ގާސިމަށް ހަމަލާ ދީ މަރާލީ އެއްވެސް ގަސްތަކާއި ނުލަ އެވެ. އެކަމަކު ދައުލަތުން ވަނީ އޭނާ އެ ހަމަލާ ދިނީ ގަސްތުގައިކަމަށް ސާބިތު ކުރުމަށް ގިނަ ހެކި ހުށަހަޅާފަ އެވެ.
އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދީފައިވެއެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.
އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދިން ރޭ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އެއީ ގަސްތު މަރެއް ނޫންކަމަށް އަދުހަމް ބުންޏެވެ. އަދުހަމް ބުނީ، ގާސިމަށް ހަމަލާ ދެވުނީ ފޭރެން މަސައްކަތް ކުރުމުން އޭނާ އެހީއަށް އެދި ހަޅޭއްލަވައި ހިފެހެއްޓުމުން ސަލާމާތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.
ޝަރީއަތުގައި އަދުހުމަ ބުނީ އެރޭ ގާސިމަށް ހަމަލާ ދެވުމުން، އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ ދުވެފައި ދަނިކޮށް ޖީބުގައި އޮތް ވަޅި ވެއްޓުނު ކަމަށެވެ. ބޯކޮށް ވާރޭ ވެހި މަގުމަތީ ހެދިފައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެ ރައްޓެއްސެއްގެ ގެއަށް ގަމީހެއް ހޯދައި ދެން މާލެ އައިސް ދިޔައީ ގެއަށްކަމަށް އަދުހަމް ކިޔައިދިނެވެ. އަދި އެ ހާދިސާއަށް ފަހު ފިލަން މަސައްކަތް ނުކުރާ ކަމަށާއި، އެއީ ފުލުހުންނަށް އޭނާ އަތުވާނެކަން އެނގޭތީ ކަމަށް އަދުހަމް ބުންޏެވެ.

