ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ޕާޓީ ދޫކުރަނީ އަމިއްލަ މަންފާއަށް، ވިއްކާލަނީ ރައްޔިތުން ކުރި އިތުބާރު: އަލީ ޒާހިރު

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވުމަށް ފަހު ޕާޓީ ދޫކޮށްލަނީ އަމިއްލަ މަންފާއަށް ރައްޔިތުންގެ ބަހަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށް މަޖިލީހުގެ ވ. ފެލިދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އަލީ ޒާހިރު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭނާ ސަރުކާރުގައި މަސައްކަތް ކުރި އިރު އެންމެ ގިނައިން މަޝްވަރާކޮށް ވާހަކަ ދައްކަން ޖެހިފައި ހުރީ އެމްޑީޕީގެ އިސް ބޭފުޅުންނާ ކަމަށެވެ. އަދި އެ ޕާޓީއާއި އެކު ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، އެހެން ނަމަވެސް އެއްވެސް އިރެއްގައި އޭނާގެ އުސޫލުތައް ބަދަލުކޮށް، މާގާމު ދިފާއު ކުރުމުގެ ނިޔަތުގައި ވިޔަސް އެމްޑީޕީއާ ގުޅުމުގެ ވިސްނުމެއް ނެތްކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޗީފް އޮފް ސްޓާފްގެ މަގާމުގެ ހުށަހެޅުން ލިބުމާ އެކު އެންމެ ފުރަތަމަ ވެސް ކުރެއްވި ޝަރުތަކީ ޕާޓީއެއްގެ މީހެއްގެ ގޮތުގައި ސަރުކާރާއެކު ނޫޅެވޭނެކަމުގެ ވާހަކަ ކަމަށެވެ.

އެހެންވީމަ އަޅުގަނޑު މަގާމު ގަބޫލު ކުރުމުގެ ޝަރުތެއްގެ ގޮތުގައި ވެސް ކަނޑައެޅިން.. ޕާޓީއަށް ނިސްބަތްވާ މީހެއް ނޫން ގޮތުގައި.. ފުރުސަތު ދެއްވުމަށް… އެހެންވީމަ އޭރު ވެސް ނުކުރިކަމެއް ދެން ވެސް ނުކުރާނަން..

އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އައުމަށް ފަހު، އިންތިހާބީ މަގާމައަށް ހޮވޭ ޕާޓީ ދޫކުރަނީ ރައްޔިތުންގެ މަސްލަހަތުގައިކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެއީ އެ މެމްބަރެއްގެ އަމިއްލަ މަސްލަހަތު އިސްކޮށް ކުރާކަމެއްގެ ގޮތުގައި ގަބޫލު ކުރާކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އެކަމަކު އެއާއި ހިލާފަށް މިވާގޮތަކީ، ކޮންމެވެސް އަމިއްލަ މަސްލަހަތެއްގަ.. އަމިއްލަ މަންފާއެއްގައި.. ރައްޔިތުން އެ މީހާއަށް ކުރި އިތުބާރު.. ވިއްކާލަނީ.. އެއީ އަޅުގަނޑު ނުކުރާނެކަމެއް.. އަޅުގަނޑަކީ އަޅުގަނޑު ބުނާ ބަހުގެ އިތުބާރު އޮންނަ މީހެއް..

ރައްޔިތުންގެ މަޖިލީހަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލީ ޒާހިރު ވިދާޅުވީ، ބަހުގައި ހިފަހައްޓައި ރައްޔިތުންނަށް އެ މީހަކަށް ހިދުމަތް ނުކުރެވެން ވީ ސަބަބެއް ނެތްކަމަށެވެ. އަދި ސަރުކާރުގެ ރަނގަޅުކަމެއްގައި އެއްބާރުލުން ދީ، އަދި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުން ހުރިކަމެއްގައި ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

މީގެއިތުރުން އަލީ ޒާހިރު ވިދާޅުވީ، އޭނާ ސަރުކާރުގައި މަސައްކަތް ކުރަމުން ވެސް ޕާޓީ ބަދަލުކޮށްފައި ނުވާނެކަމަށެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނަވައިގެން، މަސައްކަތް ކުރެއްވި އިރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާގެ މަތީން އިހުލާސްތެރި މަސައްކަތެއް ކުރެވުނުކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި، އަލީ ޒާހިރަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ. އެހެންކަމުން އަމިއްލަ ގޮތުން ނިކުންނަން ޖެހެނީ ކީއްވެގެން ތޯ އާއި، އެމްޑީޕީގެ ތާއީދު ލިބުނު ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އަލީ ޒާހިރު ވިދާޅުވީ ހަމައެކަނި މަޖިލިސް އިންތިހާބަށް ނިކުތުމަށް ޕާޓީ ބަދަލު ކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާއަށް ގަބޫލު ނުކުރެވުނީ ކަމަށެވެ.

ފުލިދޫ ދާއިރާއަކީ އަދާލަތު ޕާޓީގެ މެމްބާޝިޕް މަދު އަދި ތާއީދު މާބޮޑުކޮށް ނެތްތަނެއްކަމަށްވުމާއި އެކު، އެ ޕާޓީގެ ނަން ބޭނުން ކުރުން ރަނގަޅުކަމަށް ނުފެންނާތީ އަމިއްލަ ގޮތުން ވާދަކުރަން ނިންމީކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ބައެއް ބޭފުޅުން ހިތްހަމަނުޖެހުމުގެ ތެރެއިން ދާއިރާއަށް ހިދުމަތްތައް ދެވިފައި ނެތްކަމަށް ބުނަމުން ދިޔަ ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ރަނގަޅު ތަރައްގީއެއް އެ ދާއިރާއަށް ގެނެވިފައިވާކަމަށެވެ. އަދި ބޭނުން ޖެހިފައި ހުރި މުހިންމު ކަންކަމަށް އިސްކަން ދީގެން މަޝްރޫއުތައް ކުރިޔަށް ގެންދެވިފައިވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް މަސައްކަތްތައް އެއީ ބޭނުންވާ ސްޕީޑުގައި ނުގޮސްދާނެ ޕްރޮޖެކްޓުތައްކަމަށާއި އޭގެ ފަހަތުގައި ސަބަބުތައް ވެސް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިރާގެ ރަށްތަކަށް އަދިވެސް ބޭނުންވާ ކަންކަން ހުރިއިރު، އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: