ށ. ފުނަދޫ ދާއިރާގެ މަޖިލިސް ގޮނޑި އިންތިހާބު ކުރި މުހައްމަދު މަމްދޫހު (މަންޑޭ) އަށް ރަށުގެ މީހަކު އިސްވެ ހުރެ ސިހުރު ހެދިކަމަށް ބުނެ މުޒާހަރާތައް ކުރަމުން ދަނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.
ސިހުރުގެ ތުހުމަތުކޮށް ށ. ފުނަދޫގައި ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މަމްދޫހަށް ސިހުރު ހެދި މައްސަލައެއް ފެންމަތިވެ ރަށުގައި މުޒާހަރާތައް ފެށުނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެކަމުގެ ތުހުމަތު ކުރެވޭ މީހާ ހުރި ގެ ކައިރިއަށް އެއްވެ އާންމުން އޭނާ ހައްޔަރު ކުރުމަށް ވެސް ގޮވާލި އެވެ. އަދި ސިހުރު ހަދާފައި ވަޅުލާފައި ހުރި އިތުރު ބައެއް ސަރަހައްދުތަކެއް އެބަހުރިކަމަށާއި، އެތަންތަން ހާމަކުރުމަށް ވެސް ދިޔައީ ގޮވާލަމުންނެވެ.
ފުނަދޫގެ އާންމު ރައްޔިތަކު ”ސަންގު“ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މަމްދޫހަށް ސިހުރު ހެދިކަމަށް ތުހުމަތު ކުރެވެނީ އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅެވެ. އިބްރާހިމްފުޅަކީ އިންތިހާބުން ބަލިވި އަމިއްލަ ކެނޑިޑޭޓެކެވެ. ރަށުން ބޭރު ސިހުރު ވެރިއެއް ގެނެސް އެ މީހާ ބެހެއްޓީ އީބްރާހިމްފުޅު ގާތް މީހެއްގެ ގޭގައި ކަމަށް އާންމުން ބުނަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިކަމާ ގުޅިގެން މަމްދޫހުގެ ދިފާއުގައި އާންމުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
ސިހުރު ހެދުމަށް ގެނައި މީހާ ހައްޔަރު ކުރީ، އެކަމަށް ބޭނުން ކުރާ ސާމާނުތަކާއި އެކުކަމަށް ވެއެވެ. ސޯޝަލް މީޑިއާގައި އޭނާ ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑީއޯތައް ވެސް ދަނީ ދައުރުވަމުންނެވެ.

މި މައްސަލައިގައި ރަށުގެ މީހުންނާއި ހަވާލާދީ، އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ރީ ޕޯސްޓުކޮށް ގުޅިގެން އިބްރާހިމްފުޅު ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތުގައި ހޭދަވި ދުވަސްތަކުގައި މީހަކަށް ދެރައެއް ދިނުމަށް އެއްވެސް ކަހަލަ ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި ސިހުރު ހެދި ކަމުގެ ތުހުމަތު ރަނގަޅަށް ބެލުމަށް ގޮވާލި އެވެ.

ފުނަދޫގެ ފަސް ގަހެއްގައި ސިހުރު ހަދާފައިވާ ތަކެތި ހަރުކޮށްފައި ހުރި ކަމަށް ރުގްޔާ ކުރާ މީހުންގެ އެހީތެރިކަމާއެކު އެނގިފައިވާކަމަށާއި އަދި މައުލޫމާތު ލިބިފައިވާގޮތުން ދެ ގަސް ފިޔަވައި ބާކީހުރި ގަސްތަކުން ސިހުރުގެ ތަކެތި މިހާރު ފެނިފައި ވެއެވެ.

