ފުލުހުންގެ އިދާރާގެ ބޭނުމަށް ބިދޭސީން ގެނައުމުގެ މަސައްކަތްކޮށްދޭނެ ބައެއް ހޯދުމަށް ކުރި އިއުލާން އެ އިދާރާއިން އިއްޔެ ބާތިލުކޮށްފި އެވެ.
މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ އިއުލާނު ބާތިލު ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދިނުމަށް ނިންމާފައިވާތީ ކަމަށެވެ.
ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. އިހުސާން ވިދާޅުވީ ހޯމް ސެކްޓަރ ތެރެއިންނާއި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ޒިންމާ އޮތް މުވައްސަސާއެއްގައި އެގޮތަށް ބޭރު ބަޔަކަށް ވަޒީފާ ދިނުމަށް ބޭނުން ނުވާކަމަށެވެ. އެހެންކަމުން ފުލުހުންގެ މުވައްސަސާގައި ރަސްމީ އެއްވެސް ހިދުމަތެއް ދިނުމުގެ ތެރޭގައި ބިދޭސީން ނުތިބޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ފުލުހުންގެ ސިއްހީ ހިދުމަތާއި، އަންސްސިލްޑް ބައެއް މަސައްކަތްތަކުގައި ކޮންމެވެސް ވަރަކަށް ބިދޭސީން އުޅެ އެވެ. އަދި ބިދޭސީން މަސައްކަތް ކުރާ ދާއިރާތަކުގެ ތެރެއިން ދިވެހިން ހޯދުމަށް އެކި ފަހަރު މަތީން އިއުލާނު ކުރުމުން ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބޭކަމަށް އިހުސާން ވިދާޅުވި އެވެ.

