ކުރީގެ ގަވަރުނަރު ޑރ ފަޒީލް ނަޖީބް ހިމެނޭހެން، ތިން ބޭފުޅަކު ސަފީރުކަމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މި ތިން ގައުމުގެ ސަފީރުކަމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ފޮނުއްވި ތިން ބޭފުޅަށް ރުހުން ދޭން ފެންނަކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ،
އެއީ:
- ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު
- ޗައިނާގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު
- ސައުދީގެ ސަފީރަކަށް މުހައްމަދު ތާހާ
މި ތިން ބޭފުޅުންނަށް ރުހުން ދޭން ފެނޭތީ ބެލުމަށް ނެގި ވޯޓުގައި ފަޒީލް އަދި ޝިއުނީންއަށް ރުހުން ލިބިވަޑައިގަތީ 35 ވޯޓުންނެވެ. ތާހާއަށް ރުހުން ލިބިވަޑައިގެންނެވީ 33 ވޯޓުންނެވެ. އެއްވެސް ބޭފުޅަކަށް ރުހުންދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.
މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ފަޒީލް ނަޖީބު ވަނީ ޕީއެންސީގެ ނިމިދިޔަ މަޖިލީސް ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ތާހާވެސް ވަނީ މަޖިލީސް އިންތިހާބަށް ޕީއެންސީއިން ބޭއްވި ޕްރައިމަރީގައި ވާދަ ކުރައްވާފައެވެ. ނަމަވެސް ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ ނާކާމިޔާބީއެވެ.

