އިންޑިއާގެ ސިފައިންގެ ބަދަލުގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފޮނުވާ އެ ގައުމުގެ ޓެކްނިކަލް މުއްޒަފުން ރާއްޖެ އައިސް ނިމިފައިވާކަމަށް އިންޑިއާގެ އެކްސްޓާރނަލް އެފައަޒް މިނިސްޓްރީ ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި ގުޅޭގޮތުން ސުވާލުކުރުމުން ތަރުޖަމާނު ރަންދީރު ޖަޔަސްވާލް ވަނީ އެކަމާއި ގުޅިގެން ހުރި އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ދާދި ފަހުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެ ގައުމުގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރެއްވިކަމުގެ މައްޗަށް ވެސް އަލިއެޅުއްވިއެވެ.
ރަންދީރު ވިދާޅުވީ، އިންޑިއާ އާއި ދިވެހިރާއްޖެއިންވެސް މި މައްސަލަ ހައްލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދެ ގައުމުގެ ދެމެދު ކުރެވުނު މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އެ ގައުމުގެ އޭވިއޭޝަން ޕްލެޓުފޯމްތައް މެދުވެރިކޮށް ދެމުން އައިސްފައިވާ ހިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދާނެ މަގެއް ހޯދުންކަމަށާއި އެގޮތުގެ މަތިން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ކުރިއެރުންތައް އައިސްފައިވާކަން މީޑިއާތަކަށް ފެނިފައިވާނެކަންވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއިން ފޭބުމަށް ކަނޑައެޅިފައިވާ ސިފައިންގެ ފުރަމަތަ ބެޗާއި ދެވަނަ ބެޗުވެސް ވަނީ އެނބުރި ގައުމަށް ގޮސްފައިވާކަން ހިއްސާކުރެއްވިއިރު، ރާއްޖޭގައި ތިބި ސިފައިންގެ ބަދަލުގައި އެ މަސައްކަތްތައް ކުރުމަށް ޓެކްނިކަލް މުއައްޒަފުންތަކެއް ފޮނުވުމުގެ މަސައްކަތްތައް ކޮށް ނިމިފައިވާކަން ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ އެ ހިސާބަށް ކަމަށާއި އެ ޕްލެޓުފޯމްތަކަކީ ދިވެހިރާއްޖެއަށް އިޖްތިމާއީ ލުއިތަކާއި ސިއްހީގޮތުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ މަސައްކަތްތަކެއްކަމަށްވެސް ވިދާޅުވިއެވެ.

