ދިވެހިރާއްޖޭގެ ފަރުތަކުގެ ގައު ހުދުވަމުންދާކަމަށްވުމުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ވަގުތީގޮތުން ބިން ހިއްކުމާއި ފަޅު ހިއްކުންފަދަ އެ މާހައުލަށް އަސަރުކުރާ މަސައްކަތްތައް ހުއްޓާލުމަށް އެންވައިރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
އީޕީއޭއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން މި ދުވަސްވަރަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގުޅިގެން ގައު ހުދުވަމުންދާ ދުވަސްވަރެކެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ މިފަދަ ހާދިސާއެއް ރެކޯޑުކުރެވުނީ 1998 ގައިކަމަށްވާއިރު، އޭރުވެގެންދިޔަ މިންގަނޑާއި ގާތްކުރަމުން އަންނަކަމަށް ފާހަގަކުރެވޭކަމަށާއި އެހެންކަމުން މި ދުވަސްވަރު ހިންގޭ ތަރައްގީގެ މަސައްކަތްތައް ފަދަ ހަރަކާތްތަކުގެ ސަބަބުން އަލުން އަނބުރާ އިޔާދަވުން ލަސްވެގެންދިއުމާއި ހުރަސްއެޅިގެންދިއުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދާ ފަޅުފުންކުރުމާއި ރިވެޓްމެންޓުޖެހުން އަދި ބީޗް ނޮރިޝްމެންޓަކީވެސް އެކަމުގެ ސަބަބުން މާހައުލަށް ނޭދެވޭ އަސަރުތައް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އީޕީއޭއިން މައުލޫމާތު ދީފައިވާގޮތުން އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން(ކަނޑާއި ޖައްވީކަންކަމާއި ބެހޭ ވުޒާރާ) އިންދަނީ ދުނިޔޭގެ ކަނޑުގެ ފިނި ހޫނުމިން އަދި ހޫނުވުމުގެ ސަބަބުން ދިމާވާ ގައު ހުދުވުން ފަދަ މައްސަލަތައް ކުރިއާލައި ލަފާކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން އެއްކުރެވިފައިވާ އެންމެ ފަހުގެ ސެޓެލައިޓް މައުލޫމާތަށް ބަލާއިރު ދިވެހިރާއްޖެ މިވަގުތު އޮތީ އެއްވަނަ އެލާޓް ލެވަލްގައިކަމަށާއި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގައު ހުދުވުމުގެ މައްސަލަ ފެންނަމުންދާކަމަށްވެސް ބުނެފައިވެއެވެ.
ދިވެހިންގެ ދެމެހެއްޓިނިވިކަމާއި ފަރުތަކުގެ ދިރިހުރުމާއި ގުޅިފައިވާކަމަށްވުމުން މިފަދަ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ފަރުތައް ދެމެހެއްޓިގެންދިއުމަށާއި ފަރުތަކުގެ މައްޗަށް ބަރޯސާވެ އޮތް ރާއްޖޭގެ މައި އިގްތިސާދީ ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓިނިވިކަމަށްވެސް ވަރަށް މުހިންމުކަމެއް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ދެ ފިޔަވަޅެއް އެޅުމަށް ނިންމާފައިވާކަމަށާއި 10 ޖޫންގެ ނިޔަލަށް ތަންފީޒުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ.
އީޕީއޭއިންވަނީ ވަނީ އީއައިއޭއާއި ބިންހިއްކުމުގެ ހުއްދައިގައިވާނެ ގޮތުގެ މަތިން ބިން ހިއްކުމާއި ފަޅުކޮނުން އަދި ގޮނޑުދޮށްތަކަށް ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމުގެ އިތުރުން ފަރުމަތީގައި ކޭބަލްއާއި ހޮއިއެޅުމުގެ މަސައްކަތްތަކާއި ބަންޑްވޯލްޖެހުމާއި އެނޫން އެހެން މެޝިނަރީ ބޭނުންކޮށްގެން ފަރުމަތީގައި ކުރާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައެވެ. އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި އީޕީއޭއަށް ހުށައެޅުމަށް އަންނަ މަސައްކަތްތަކުގެ ތާވަލް 10 ޖޫންގެ ފަހަށް މުރާޖާކުރުމަށްވެސް އަންގާފައިވެއެވެ.

