ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށް ނިޒާމު ހަރުދަނާ ކުރާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ރައީސް ވަނީ ދުވަހުގެ ހެޔޮ ދުޢާތަކާއި ހެޔޮ އެދުންތައް، ދިވެހި އެންމެހައި ކުޑަކުދީންނަށް، އަދި އެ ކުދީންގެ މައިންބަފައިންނަށާއި، ބެލެނިވެރީންނަށާއި، ޢާއިލާތަކަށް، އަދި ކުދީންނަށް އުނގަންނައިދީ ހޭހަންކޮށް އަޅައިލުމުގައި ރެޔާދުވާލު ހޭދަކުރައްވާ ޚިދުމަތްތެެރީންނަށް ހިތުގެ އިޚްލާޞްތެރި ލޯތްބާއި ކުލުނާއެކު އަރިސް ކުރައްވާފައެވެ.

މީގެ 63 އަހަރުކުރީން، 1961 ވަނަ އަހަރުގެ މޭ މަހުން 10 ވަނަ ދުވަހު، ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލުގެ ނަމުގައި ތުއްތުކުދީންނަށް ކިޔަވައިދޭން ޚާއްޞަ މަދަރުސާއެއް ރާއްޖޭގައި އުފެއްދުން، އިން ފާހަގައެއްކަމުގައި ބަލައި، ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުޑަކުދީންގެ ދުވަސް ފާހަގަކުރާން ފެށީ 1979 ވަނަ އަހަރުގައިކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ. ޙަމީދިއްޔާ މޮންޓަސޫރީ ސްކޫލަކީ، މިހާރު ރާއްޖޭގެ ފަޚުރުވެރި އެދުރުގެއެއް ކަމުގައިވާ އިސްކަންދަރު ސްކޫލުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުޑަކުދީންގެ ދުވަހެއްގައި، ހިތަށް ވެރިވާ އުފާވެރި އަދި އުންމީދީ އިޙްސާސްތަކާއެކު، މިއަދު އަޅުގަނޑަށް ހިތާމަވެރި އަސަރުކުރުވާކަމެއްވެސް އެބަ އޮތްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެއީ، ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންކަމަށެވެ. އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ޙަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތަޢުލީމާއި، ޢާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މަޢުޞޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރީންކަމަށް ފާހަގަކުރެއްވިއެވެ. އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް ރައީސް ދުއާ ކުރެއްވިއެވެ. އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތާއި މަދަދުގެ ހާސްދޮރު ހުޅުއްވެވުމަށްވެސް އެމަނިކުފާނު ދުއާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ ”ހައްތާވެސް ދަރީންނެވެ.“ މި ނަމުގައި ވަރަށް އަސަރުގަދަ ޢިބްރަތްތެރި ކުރުވާހަކައެއް 1981 ވަނަ އަހަރު ލިޔުއްވައި، ޝާއިޢުކުރައްވައިފައިވާކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުމެއްކަންކަމަށެވެ. މިފަދަ ދުވަހެއްގައި މިއީ، ވިސްނައިލުން މުހިންމު ނުކުތާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދީންގެ ޙައްޤުތައް ރައްކައުތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުހިންމު މުޢާހަދާތަކުގައި ރާއްޖެެއިން ވަނީ ބައިވެރިވެފައިކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުޑަކުދީންނަށް ޙިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުޞަތުތަކަށްޓަކައި ބޭނުންވާނެ ޤާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ޤާއިމުކުރުމުގައިވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ވަނީ ފުރިހަމަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އިތުރު އެތައްކަމެއް ކޮންމެ ސަރުކާރަކުންވެސް ދަނީ ކުރަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމަކާއެކު، ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ޤައުމީ މަސްއޫލިއްޔަތެއް އެބައޮތްކަމަށެވެ. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކުވެސް ދެމިހުރުމެވެ. މަރުޙޫމް މުޙައްމަދު ޖަމީލް ދީދީ އެ ވިދާޅުވި ފަދައިން، ”ހައްތާވެސް ދަރީން“ ކަމުގައި ދެކި، ކޮންމެ ކުއްޖަކާމެދުވެސް ދަރިކުލުނާ އިމެއްމިނެއް ނެތް ތެދުވެރި ލޯތްބާއެކު މުޢާމަލާތު ކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގެ އެންމެ ރިވެތި ނަމޫނާ މުޅި އިންސާނިއްޔަތަށް ފެންނާން އޮތީ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިވެތި ސީރަތުންނެވެ. ދަރީން ފަދައިން ލޯބި ދެއްވައިގެން، ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި، ދިރިއުޅުމަށް ބޭނުންވާނެ މުހިންމު ދަރެސްތައް އުނގަންނައިދެއްވައިގެން އެކަލޭގެފާނުގެ ނަބަވީ މަދަރުސާއިން ދަސްވެނިވެ މުޅި އިންސާނިއްޔަތަށް އަލިގަދަ ދަންމަރުތަކެއްކަމުގައިވީ ކިތައް ޝަޚްޞިއްޔަތުތޯއެވެ؟

ރައީސް ވިދާޅުވިއެވެ.

ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރާންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގައި މިއީ، އެންމެންގެ ޒިންމާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް އެމަނިކުފާނު ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރު ކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދެކަމަށާއި، ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ބިނާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބޭކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޒަމާނީ ކޮންމެ އޮއިވަރަކާއެކު އަންނަ ނުކިއްސަރު ކަންކަމުން ދަރީން ދަފަރާ ކުރާން ހޭލުންތެރިވެ ތިބެންޖެހޭކަމަށެވެ. އަދި ސަރުކާރުން މި ހުރިހާ ކަމެއްގައި އިރާދަކުރެއްވިއްޔާ ހުރިހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، ސަހަރޯވެރީންނާވެސް އެއްބާރުލައި އަތުގުޅާލައިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގެ ކުރިމަގަށް ކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު ކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންކަމަށާއި، ދެލޯނޭދި އެދޭ މި ލޮބުވެތި ދަރީންކަމަޡް ފާހަގަކޮށް ރައީސް ވިދާޅުވީ މިކުދީންގެ ޙައްޤުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: