ސަންގު ޓީވީގެ 9 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
އޭޕްރިލް 30 ވަނަ ދުވަހު ފާހަގަކުރާ ސަންގު ޓީވީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހޮޓެލް ޖެންގައި އޮތް މި ހަފްލާގައި ސަންގު ޓީވީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި މިހާރުގެ ޒުވާނުންގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ދާއިރާގެ އިންތިހާބީ މެންބަރު އަސަދުﷲ ޝިހާބް (އަސަދު) ވެސް ބައިވެރިވެވަޑައިގެންވިއެވެ.
މި ހަފްލާގައި މުވައްޒަފުންގެ އަގު ވަޒަން ކޮށްފައިވާއިރު، ސަންގު ޓީވީއާއި ގުޅޭ ގޮތުން، ތަނުގެ ހިންގުމާއި ގުޅޭ މުހިންމު ވާހަކަތަކެއް ޓީވީގެ ޑިރެކްޓާ ލީނާޒް ހުސައިން އަދި އޮޕަރޭޝަން އިންޗާޖު ސަހުބާން ފަހުމީގެ އިތުރުން ސީނިއާ އެޑިޓާ މާހަތު ހުސައިން ރަޝީދު ވަނީ ހިއްސާ ކުރައްވާފައެވެ.
އެގޮތުން ޓިވީ އަބަދުވެސް ކުރިއަށް ދާނީ މީގެ 9 އަހަރު ކުރިން ސަންގު ޓީވީ ވުޖޫދުވެގެން އައިރު، ސަންގު އިފްތިތާހުކޮށްދެއްވި ދިވެހި ބަހުގެ އަދީބެއްކަމަށްވާ އަބްދުﷲ ސާދިގު (ސޯދުބެ) ސަންގަށް ކަނޑައެޅުއްވި ޝިއާރު ”ސަންގު ދޮގެއް ނަހަދާނެ“ މި ޝިއާރުގެ މަތީގައިކަމަށް ޖަލްސާގައި ފާހަގަކުރެވިގެން ދިޔައެވެ. އަދި މައުލޫމާތުތައް ގެނެސްދިނުމުގައި ސަންގުން އަބަދުވެސް އިސްކުރާނީ އިންސާފުވެރިކަމާއި ތެދުކަމަށްވެސް ފާހަގަކުރިއެވެ.
މި ހަފްލާގައި މުވައްޒަފުންގެ މެދުގައި އެވޯޑް ދިނީ ދެ ކެޓަގަރީއަކުންނެވެ. އެއީ ”ސްޓާފް އޮފް ދަ އިޔާ“ އަދި ”މޯސްޓް ޕްރޮމިސިން އެމްޕްލޯއީ“ އެވެ.
ސްޓާފް އޮފް ދަ އިޔާ އެވޯޑު ހާސިލް ކުރީ ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓް ފާތިމަތު މަދަދާއެވެ.

މޯސްޓް ޕްރޮމިސިން އެމްޕްލޯއީ އޮފް ދަ އިޔާގެ އެވޯޑު ތިން މުވައްޒަފަކަށް ލިބިފައިވެއެވެ.
އެއީ:
ސަންގު ޓީވީގެ އޮންއެއާ އިންޗާޖް: ދަހާ އިބްރާހީމް

ސަންގު ޓީވީގެ އޮންއެއާ އޮޕަރޭޓާ: ހުސައިން ޝަހުދާން މުހައްމަދު

ސަންގު ޓީވީގެ އެޑްމިން އެގްޒެކްޓިވް: އައިމިނަތު ނިޝްފާ

މިއަދު ރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި މިނިވަން ކަމާއިއެކު ހުރިހައި ކުލައެއް އެއް ސްކްރީނަކުން ފެންނާނެ ހަމައެކަނި ސްކްރީނަކީ ސަންގު ޓީވީގެ ސްކްރީނެވެ.

